އަތުގައި ހުރި ބާރެއް ލާފައި ނަޔާބުގެ ގައިން އާދިލްގެ އަތް ނެއްޓުވީވެސް އަސްމާރު އެވެ. ހަމަ އެ ބާރުގަދަ އަތުން، ގައިހުރި ބާރެއް ލާފައި ނަޔާބުގެ މޫނުމަތީގައި ޖެހީވެސް އަސްމާރު އެވެ. ވިއްސައިގެން ދާނެ ދިމާލަކަށް ދާން، ހޫރުވާލި މީހަކީވެސް އެއީ އެވެ.
ލިބުނު ކާމިޔާބުގައި ނުބައި ފާޑަކަށް ހިނިއައިސްފައި ހުރި އާދިލް އަވަހަށް އެތަނުން ދެމިގެންފި އެވެ. ހީލަތްތެރި ރޭވުން އަސްމާރުގެ ލޮލުގައި ފަރުދާކުރި ސަބަބެއް އެނގޭކަށްވެސް ނަޔާބު ބޭނުމެއް ނޫނެވެ. ކޮއްކޮގެ ފިރިމީހާއަށް ވީތީ އާދިލްގެ ކުށެށް ނޯންނާނެ އެވެ. ކަން ވެގެން ދިޔައީވެސް އެހެންނެވެ.
އެ ދުވަހަށްފަހު ހަފްތާއެއް ފާއިތުވެގެން ދިޔައީ އެވެ. ނަޔާބުއާއި އަސްމާރު އަނގައިން ނުބުނެ އެވެ. ނިދީގައިވެސް ނަޔާބު އޮންނަ ފަޅިއަށްވެސް، މޫނު އަނބުރައި ނުލައި އެވެ.
ދިރިއުޅުމަށް ކުރާނެ އިތުރު އުއްމީދެއް ނެތަސް، ފިރިމީހާއާއި އޭނާގެ އާއިލާގެ ޒިންމާތަށް ފުރިހަމައަށް އަދާކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހުމަށް ނަޔާބު އަޒުމު ކަނޑައެޅި އެވެ.
އިގްރާގެ ދެމަފިރިން ކައި ނިމުމުން ބަދިގޭގެ ތެލިތަށި ދޮވެ، އެ ތަކެތި ފޮހެ، ހުންނާންޖެހޭ ކަބަޑުތަކަށް ލައި ނިމުނުއިރު ނަޔާބުގެ ބުރަކަށިން ދިލަ ނަގަ އެވެ.
ހިމޭން ކަރުނަ އަކީ ނަޔާބުގެ އެކުވެރިޔާ އެވެ.
ބަދިގޭގެ ކަނެއްގައި އޭނާ އިށީނީ ދެފައިކޮޅު އައްސިވެފައި ވާތީ އެވެ.
އެވަގުތު ބަދިގެއަށް އަންނާނެ މީހަކު އެގޭގައި ނޫޅޭނެތީވެސް މެ އެވެ.
ދެ ކަކުލުގައި މޫނު ފޮރުވާލާފައި ހަށިގަނޑުން ވާގިދޫކޮށްލި އެވެ. ތަޅުން މައްޗަށް، އެއް އަރިޔަކަށް ހަށިގަނޑު ވެއްޓުނީ އޭނާގެ ގައިގައި ހަކަތަ ނެތުމުންނެވެ. އެތަނުން ތެދުވުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. މިނިވަން ކަމާއެކު ރޯލުމަށް ނަޔާބުއަށް ލިބޭ ވަގުތަކީ މިއީ އެވެ. އޭނާގެ ހިމޭންކަމާއި ހޫނު ކަރުނައަށް އެގޭގެ ކޮންމެ ފާރެއް އަދި ކޮންމެ ފަރުނީޗަރެއް ހެކިވާނެ އެވެ.
އޭނާއާއިމެދު އެފަދަ ނިކަމެތިކޮށް އަސްމާރު ކަންކަން ކުރަނީ ކީއްވެތޯ އަމިއްލަ ނަފުސާއި ސުވާލުކުރެވުނު އަދަދެއް ނޭގެ އެވެ. ޖަވާބެއް ނެތް ކިތަންމެ ސުވާލަކުން ހިތް ކުދިކުދި ވަނީ އެވެ. ކައިވެނި ކުރީ ލޯބިންނެވެ. އެ ލޯބި ފަނޑުވާންޖެހޭ ސަބަބެއް ނަޔާބުއަށް ނުވިސްނުނެވެ.
އާދިލްގެ ވިޔާނުދާ އަމަލުގައި ނަޔާބު ބައިވެރިވެފައި ނުވާނެކަން އަސްމާރުއަށް ވިސްނެންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. ނަޔާބުއަކީ ދުވަހެއްގައިވެސް ފިރިމީހާއަށް ބޭވަފާތެރިވާނެ އަންބެއް ނޫނެވެ. ސުވާލެއް އުފެދޭނެ ކަމެއް، އަމިއްލަ އިހްތިޔާރުގައި ނަޔާބު ދުވަހެއްގައިވެސް ކޮށްފައި ނުވެ އެވެ. އޭނާގެ ފުރާނައިގައި ވިންދެއް ހުރިހައި ހިނދަކު އަސްމާރުގެ އާއިލާގެ ހިމާޔަތުގައި ސާބިތުވާނެ އެވެ. އާދިލްފަދަ ހީލަތްތެރި މީހަކަށް އެ އާއިލާ ބަރުބާދުކޮށްލުމުގެ އިޒުނައެއް ނަޔާބު ނުދޭނެ އެވެ.
ދެ ލޮލުން ކަރުނަ ހުސްވާންދެން ރުއެވެ. އޮތްތަނުން ތެދުވެގެން ބަދިގެއިން ނިކުތްއިރު ގޭތެރެ އޮތީ ފަޅަށެވެ. ބޮކިތަކާއި ފަންކާ އަދި އެއަރކޯން ނިންވާލާފައި ނަޔާބު މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ. ބޮލަށް ބަރުވެ، ރިއްސަމުންދިޔަ ގުނަވަންތަކުގެ ވޭނުން އޭނާއަށް ލިބިފައިވާ ހިތްދަތިކަން ފިލުވޭނެ އެއްގޮތެއްވެސް ނެތެވެ.
ކޮޓަރިއަށް ވަދެވުމާއެކު ދޮރުލައްޕައިފި އެވެ. ވަރުބަލިވެފައިވާ ހަށިގަނޑު ސީދާކުރަން މަސައްކަތްކުރަމުން، ލޮޑުކަމާއެކު ހިނގާލާފައި ގޮސް ނަޔާބު އިށީނީ އެނދުގަ އެވެ.
ބައްދަލުވުންތަށް ނިންމާލާފައި އައިސް އަސްމާރު ވަނީ އޭނާގެ ކެބިން އަށެވެ. ވަރުބަލިކަމާއެކު ގޮނޑީގައި ލެނގިލައިފައި ލޯ މަރައިލި އެވެ. ފެންނަމުން ދިޔަ މަންޒަރުތައް އޭނާގެ ލޮލުގެ އެސްފިޔަތަކަށް ފަސޭހައެއް ނުވި އެވެ. ގިސްލުމާއި ރުއިމުގެ އަޑު ކަންފަތުގައި ހުރީ ހަރުލާފަ އެވެ. އަނބިމީހާގެ ގިސްލުމުން އޭނާގެ އަމާންކަން ގެއްލިއްޖެ އެވެ. ނަޔާބުގެ ސިއްރު ރުއިމާއި ހިމޭން ކަރުނައިން އޭނާއަށް އަސަރު ނުކުރަނީއެއް ނޫނެވެ. ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލައި ހިމާޔަތެއް ދިނުމަށް ހިތް ނުރުހެނީ އެވެ.
އެންމެ ލޯބިވާ ކޮއްކޮގެ ފިރިމީހާގެ ދެއަތު ތެރެއިން ނަޔާބު ފެނުނު ވަގުތު އޭނާގެ ހަމަބުއްދި ފިލައި ދިޔައީ އެވެ. އެކިފަހަރު މަތީން، އާދިލްގެ ފަރާތުން އިވިފައިވާ ކިތަންމެ އަޑަކަށް އަސްމާރު ވަނީ ބީރު ކަންފަތެއް ދިފަ އެވެ. އަދި އެފަދަ ވާހަކަތަކުން އެ ދެ މީހުންގެ ގުޅުން ހީނަރު ނުވާނެ ކަމަށްވެސް ސީދާ ބަހުން އަސްމާރު ވަނީ ބުނެފަ އެވެ.
އިވުނު އަޑުތަކާއި ފެނުނު މަންޒަރު އެއީ ނުވާ ކަންކަމަށް ހަދަން ޖެހުނީ، އާދިލް ދެކެ އިގްރާ ވާލޯބި އޭނާއަށް އިނގޭތީ އެވެ. ފެށުނީއްސުރެންވެސް އާދިލްއާއިމެދު އަސްމާރު ހިތްހަމަ ނުޖެހެ އެވެ. ނަމަވެސް ކޮއްކޮގެ އެއްވެސް އެދުމަކަށް ނޫން ބަސް ބުނުމަކީ އަސްމާރުއަށް އޮތް އިޚްތިޔާރެއް ނޫނެވެ. ކޮއްކޮގެ ހިތްހަމަޖައްސައިދީ، އޭނާއަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ކުރެވެން އޮތް ކޮންމެ ކަމަކަށް އަސްމާރު ތައްޔާރެވެ.
އާދިލްއާއި ބެހޭގޮތުން ނަޔާބު މިއަދު އެ ދެއްކި ވާހަކަތަށް އޭނާގެ ހިތަށް އުނދަގޫކޮށްފި އެވެ. އުފެދުނު ކިތަންމެ ސުވާލެއްގެ ޖަވާބު އަންނަނީ އަސްމާރުގެ ވިސްނުމާއި އޭނާގެ ނިންމުންތަކާއި ދިމާއިދިކޮޅަށެވެ. ނަޔާބު މިއަދު އެ ކިޔައިދިނީ ހަގީގަތްކަމަށް ވާނަމަ، އާދިލްއަކީ އެގޭގައި ބަހަށްޓަން ހެޔޮވާވަރުގެ އިންސާނެއް ނޫންކަން މިވަގުތު އަސްމާރު ގަބޫލުކޮށްފި އެވެ. އާދިލް ޖެހޭނީ އިގްރާ ދޫކޮށްލާށެވެ. އިގްރާއަށް ޖެހޭނީ އާދިލް ނޫން ގޮތެއް ހޯދާށެވެ. ސުވާލަކީ އެ ވާހަކަތައް މާމަ ގަބޫލު ނުކޮށްފިއްޔާ ދެން ވާނީ ކިހިނެއްތޯ އެވެ؟
ލޮލުގެ އެސްފިޔަތަށް ހުޅުވާލި އެވެ. ކުރިމަތީން ސިފަވީ ނަޔާބުގެ ހިތްދަތި ކަރުނަ އެވެ. ޖިސްމާނީ އެތަށް އަނިޔާއަކަށް އަތް އުފުލާލި ކިތަންމެ މަންޒަރެކެވެ. އެ އަތުގެ ޒަހަމު އެތަށް ދުވަހަކަށް އެ މޫނުގައި ހުރިކަން އަސްމާރުއަށް އެނގެ އެވެ. ހަށިގަނޑުގެ އެކިތަންތަން ނޫފައިގަތްފައި ހުންނާނެކަންވެސް އޭނާއަށް އިނގެ އެވެ.
މާޔޫސްކަމާއެކު ކަރު އެލުވާލެވުނެވެ. ހިތުގައި ނަޔާބުއަށްޓަކައި އޮތް ލޯތްބަށް ބަދަލެއް އައީއެއް ނޫނެވެ. ގޭތެރެއިން އިވޭ އަޑުތަކާއި މާމައާއި ކޮއްކޮ އަދި ޅިޔަނުގެ ބަސް އިސްކުރާން މަޖުބޫރު ވަނީ އެވެ. މާމައަށް ޓަކައި އެވެ. މާމަގެ ކޮންމެ ދުވަހެއްގެ ނަސޭހަތުގެ އަގު ހިފެހެއްޓުމަށެވެ.
'ދަރިފުޅާ އެވެ. އާއިލާއަކީ ލޭގެ ގުޅުމެވެ. ހެޔޮ އެދެންވާނީ އަމިއްލަ ލެޔަށެވެ. އިނދެގެން ގެންނަ އަނބިމީހާއަކީ ގޭތެރޭގެ ފިތުނައިގެ ފެށުމެވެ. އަނބީންގެ ދަށު ނުވައްޗެވެ. އަނބީންގެ ހީލަތްތެރި ރޭވުމުގައި ޖެހި، އަމިއްލަ ލޭ ހަރާބުކުރާން ހިތަށްވެސް ނާރުވައްޗެވެ'
އެއީ މާމަގެ ނަސޭހަތެވެ. ނުވަތަ ވަސިއްޔަތެވެ. އަނބިމީހާއަށްޓަކައި އޮތް ލޯތްބާއި އިހުތިރާމްގައި ތަޅު އަޅުވަނީ އެ ބަސްތަކާއި އެ އިބާރާތްތަކެވެ.
އަތްދަށުން ދިރިއުޅުން ބީވެގެން ނުދަނީސް ކަންކަން ހަމަޔަކަށް އަޅުވަން އަސްމާރުވެސް ބޭނުމެވެ.
ނަޔާބުގެ ކަރުނައިން އޭނާގެ ހިތް އިތުރަށް ޒަހަމްވާން ބޭނުމެއް ނޫނެވެ. ލޯތްބާއެކު އެ ރީތި މޫނުގެ ދެފަރާތުން ހިފަހައްޓާލާފައި އެ ހިތްގައިމު ދެ ލޮލަށް ބަލައިލާން ބޭނުމެވެ. ބައްޓަން ރީތި އިނގިލިތަކުގައި ހިފާލާފައި ގެނެސް، ގާތްކޮށްލަން ބޭނުމެވެ. ރެއާއި ދުވާލުގެ ބުރަމަސައްކަތަށްފަހު ވަރުބަލިވެގެން ކޮޓަރިއަށް ވަދެލާ ވަގުތުގައި، އޯގާތެރިކަމުގެ ފިރުމުންތަކުން އޭނާގެ ހިދުމަތުގެ އަގު ވަޒަންކުރާން ބޭނުމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;