މިފްކޯ އިން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ އެކު އެސްޓީއޯ އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ވެސް ބަދަލުތަކެއް ގެނައި ކަމަށެވެ. އެހެންވެ، މިފްކޯ އިން ވެސް މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށް ވެސް ބަދަލު ގެނައިކަން އިއްޔެ އިއުލާނުކުރި އެވެ.
އެކަމަކު އެސްޓީއޯގެ ނިންމުން މުރާޖައާކޮށް ނިންމާފައި ވަނީ ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ފަހި ހަކަތަ" ޕްރޮގްރާމުގެ ދަށުން ސަބްސިޑީ ދީފައިވާ އަގުތަކުގައި ތެޔޮ ވިއްކާށެވެ.
އެ ބަދަލާ ގުޅިގެން މިފްކޯ އިން ބުނީ އެ ކުންފުނިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދަމަހައްޓާފައިވާ ކަމަށެެވެ.
މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ އެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ އެވެ. މިފްކޯއިން ވިދާޅުވީ، ކުރިއެކޭވެސް އެއްގޮތަށް މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުން ދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށެވެ.
މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނައި މި ބަދަލަކީ، މިދަނޑިވަޅުގައި މަސްވެރިންނަށް ވީހާވެސް ތަކުލީފު ކުޑަ ގޮތަކަށް ކަންކަން ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
ރަށްރަށަށް ލޯންޗު ފެރީ އާއި ދޯނި ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެކަން އިއްޔެ އެސްޓީއޯ އިން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
މި ބަދަލުތައް ގެނައީ އެ އާންމުންނަށް މާލީ ގޮތުން ބުރައަކަށް ނުވާނެ ގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ތެލުގެ އަގު ބޮޑުވަމުން މި އަންނަނީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ ސަޕްލައިގެ ބޮޑު ބައެއް ހުއްޓިފައި އޮތުމުންނެވެ. އެމެރިކާއިން އަރަބި ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އިރާނަށް ހަމަލާ ދޭތީ އިރާނުން އެ ގައުމުތަކަށް ދޭ ރައްދު ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތެޔޮ އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;