ރާއްޖޭގެ ކީރިތި ގުރުއާނާބެހޭ މަރުކަޒުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މި އަހަރުގެ 4 އޮކްޓޯބަރުން 10 އޮކްޓޯބަރުގެ ނިޔަލަށް މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ "މެލޭޝިޔާ އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އެ މަރުކަޒުން ބުނި ގޮތުގައި، މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އަންހެން ބައިވެރިއަކާއި، ފިރިހެން ބައިވެރިއަކާއި އެކު، ޖުމްލަ ދެ ބައިވެރިންނަށެވެ. ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވެވޭނީ 13 އަހަރާއި 25 އަހަރާ ދެމެދުގެ ހާފިޒުންނަށެވެ. އަދި މުޖައްވަދު ބައިގައި ބައިވެރިވެވޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.
އެގޮތުން މުބާރާތުގައި ބައިވެރިކުރުމަށް ކޮންމެ ކެޓެގަރީއަކުން ހޮވާނީ އެންމެ ބައިވެރިއެކެވެ. މި މުބާރާތަށް ކޮންމެ ކެޓަގަރީއަކުން ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން އިމްތިހުނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިހާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެ އެވެ. އަދި ޙިފްޡުކޮށް ކިޔެވުމުގައި ބައިގައި ހިފުޒުގެ ފެންވަރަށްވެސް ރިއާޔަތްކުރެވޭނެ އެވެ.
އަދި މުބާރާތުގައި ބައިވެރިކުރުމަށް އެ މަރުކަޒުން ހޮވުމަށްފަހު ހުށަހަޅާ 2 ބައިވެރިން، މުބާރާތް އިންތިޒާމުކުރާ ފަރާތުން 3 އިން 8 މެއި 2026 އަށް ބާއްވާ އޮންލައިން ސްކްރީނިންގައި ބައިވެރިވާންޖެހޭނެ އެވެ. މިއީ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުރިހާ ބައިވެރިންނަށް ބާއްވާ ކޮލިފައިން ބުރެކެވެ. މުބާރާތުގައި ކިޔެވުމަށް މެލޭޝިއާ އަށް ގެންދާނީ މި ކޮލިފައިން ބުރުން ފާސްވާ ބައިވެރިންނެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުގެ 15:00 ގެ ކުރިން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 4 އިން 10 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;