ވައިޓް ހައުސްގެ ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރު ކެވިން ހެސެޓް މި އަދަދު ހާމަކުރެއްވީ ސީބީއެސްގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ އޭނާއަށް އެންމެ ފަހުން ލިބިވަޑައިގެންފައިވާ އަންދާޒާ ރިޕޯޓުތަކުން ދައްކާ އަދަދެވެ.
އޭނާ ވިދާޅުވީ އެމެރިކާއަކީ މިހާރު އަމިއްލައަށް ތެޔޮ އުފައްދާ ގައުމަކަށް ވުމުން، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކުން ގައުމުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ނުވާނެ ކަމަށެވެ.
އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާ ދޭން ފަށާފައި ވަނީ ފެބުރުވަރީ 28ވަނަ ދުވަހު އެވެ. އަދި، އީރާނުން ދަނީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި ރައްދު ހަމަލާތައް ދެމުންނެވެ. މިގޮތުން ގަލްފު ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތަކާ ގުޅިގެން މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.
މި ހަމަލާތަކުގައި ތެހެރާންގެ އިތުރުން ހަމަދާން އަދި އިސްފަހާން ފަދަ ސިޓީތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ހަމައެއާއެކު އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގެ ސަބަބުން އިޒްރޭލްގެ އެކި ސިޓީތަކަށް ވެސް ވަނީ ގެއްލުންތަކެއް ދީފަ އެވެ.
މި ހަނގުރާމައިގައި މިހާތަނަށް އީރާނުން މަދުވެގެން 1,444 މީހުން މަރުވެފައިވާއިރު، އެމެރިކާގެ 13 ސިފައިން މަރުވެ 140އަށް ވުރެ ގިނަ ސިފައިން ވަނީ ޒަހަމްވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;