ކޮންމެ ފަހަރަކު ކޮންމެ ކަމެއްގައި ވޭން އުފުލަން ޖެހެނީ ނަޔާބް އަށެވެ. އެއިން ކޮންމެ ފަހަރެއްގައި އަމިއްލަ ނަފުސު ކުއްވެރި ކުރުމަކީ ނަޔާބުގެ އާދައަކަށް ވެއްޖެ އެވެ. ދުނިޔޭގައި އޭނާގެ އެންމެ ގާތް އެކުވެރިޔަކީ، އެކަނިވެރިކަމާއި ހިތްދަތިކަމާއި ނުތަވަސްކަން ކަމުގައި ހަމަޖެހި ނިމިއްޖެ އެވެ. އެހެން މީހުންގެ ކުރިމަތީގައި ހިނިތުންވުމާއި އުފާވެރިކަން ދައްކައިގެން އުޅެއުޅެ ނަޔާބު ވަރުބަލިވެއްޖެ އެވެ. އަމިއްލަ ކުށެށް ނެތި، ކުށުގެ ސަޒާއަށް ތިމާގެ ނަފުސު ހުށަހަޅަން ޖެހުމަކީ ވޭނެކެވެ. ދުނިޔޭގެ އެންމެ ހިތްދަތި ތަކުލީފުތަކުގެ ތެރެއިން ނަފުސު މިންޖުކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.
އެހެން މީހުންގެ ރުޅިއާއި ނަފްރަތާއި ރެއާއި ދުވާލުގެ ވަރުބަލިކަމުގެ ޒިންމާ އުފުލަންޖެހޭ މީހަކީ ނަޔާބު ކަމުގައި ވުމަކީ އޭނާއަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ވަކި މަގުސަދެއް ހާސިލްކުރުމަށް ނަޔާބު 'ބޭނުންކުރާން' ފުރުސަތު ދިނުމަކީ ދުވަހެއްގައިވެސް އޭނާ ބޯލަނބާނެ ކަމެއް ނޫނެވެ. އާއިލާގެ އިހްތިރާމާއި އޯގާތެރިކަން ނުލިބުނަސް، އެމީހުންގެ ދިފާއުގައި ކުރާން ޖެހުނު ކޮންމެ ކަމެއް، ކޮންމެ ހާލެއްގައިވެސް އޭނާ ކުރާނެ އެވެ.
ބަހާރީގޭގައި ދިރިއުޅޭ ކޮންމެ މީހެއްގެ ހިތް ރުހެނީ ނަޔާބުގެ ކަރުނައިން ކަމުގައިވާނަމަ ދުނިޔޭގައި މާގިނަ ދުވަހު ދިރިހުންނާނެކަމުގެ އުއްމީދެއް ނެތެވެ. އެފަދަ ހަކަތައެއްވެސް އޭނާގެ ހަށީގައި ނެތެވެ. އިރުއަރާ ކޮންމެ ދުވަހެއްގެ ފެށުމަކީ މައާފުގެ ހާރަށް އިތުރުކުރާންޖެހޭ ބޮޅެކެވެ. މިއަދުވެސް ނަޔާބު އެކަމަށް ތައްޔާރެވެ. މަގު ބެދި، ގޮތް ހުސްވާންދެން އޭނާގެ މައިބަދަ ސީދާކުރާނެ އެވެ.
އޭނާގެ ފިރިމީހާ އަސްމާރް އަޒީޒުގެ ކުރިމަތީގައި ހުއްޓި ހުންނާން ޖެހިލުންވުމުން އޭނާގެ ފުރަގަހުގައި ހުންނަތާ، ފަސްމިނެޓަށްވުރެން ގިނައިރު ވެއްޖެ އެވެ. ލައިގެން ހުރީ އާދައިގެ ބަލިކަށި ހެދުމެއްނަމަ، އެއިގެ ފަސްބައިގައި ލޯވަޅުވެސް އެޅިއްޖީހެވެ. ހެދުމުގެ ފަސްބައިގެ ކަނެއް، ނަޔާބުގެ އިނގިލީގައި އޮޅަމުން ނުތަނަވަސްކަމާއެކު ދޭތެރެއަކުން އަސްމާރުއަށް ބަލައިލަ އެވެ. ނަމަވެސް އަސްމާރުއަށް ނަޔާބު ފެންނާނީ އޭނާ އެކަމަށް ސަމާލުކަމެއް ދިނިއްޔާ އެވެ. ލޭގެ ގުޅުމެއް ނެތް މީހަކީ އޭނާގެ ކުރިމަތީގައި އަގެއް ހުރި މީހެއް ނޫންކަމަށް ކިތަންމެ ފަހަރަކު ތަކުރާރުކުރި އެވެ. ހިއްވަރު އެލުވައި ނުލައި ދިރިއުޅުމައިގެން ކުރިއަށް ދާން ބޭނުމީ ހަމައެކަނި ނަޔާބު ކަމަށް ވެދާނެ އެވެ. އެއް އަތް ޖެހިޔަސް އަޑެއް ނުކިޔާނެކަން އޭނާވެސް ގަބޫލުކުރެ އެވެ. އެކަމަކު ލޯތްބަކީ ބަސްމޮށުން ތެރިކަމެއް ލިބިފައި ނެތް އެއްޗެކެވެ. ޖަވާބެއް ނެތަސް، ސުވާލެއް ނެތަސް، ރިހުމާއި ވޭނަށް ކެތްކުރުމަކީ ލޯބީގެ ޖަޒުބާތުން ބާރުގަދަ ވައްތަރެކެވެ.
އޮފީހަށް ދިއުމަށްޓަކައި ދެންމެ ދެންމެ ކޮޓަރީން ނިކުމެދާނެހެން ހީވުމުން ނަޔާބު ކަރުކެހިލި އެވެ. ކުށެށް ކުރެވިފައި ނެތަސް ފިރިމީހާގެ ސަމާލުކަން މިއަދު ބޭނުމެވެ. ނުހަނު ހިތްވަރުކޮށްފައި މައާފަށްވެސް އެދުނެވެ. ކުށް ކުރީ ނަޔާބު ނޫންކަން އަސްމާރުއަށް އެނގެންވާނެކަމަށް އޭނާ ގަބޫލުކުރިއަސް، އަމިއްލަ ދިފާއުގައި އެވަރު އެއްޗެއްވެސް މިހާތަނަށް ނުބުނެ އެވެ.
އާއިލީ ގުޅުމަށް ހުރަހެއް އެޅިދާނެކަމަށް ބަލާފައި އެންމެ މަސްލަހަތު ހުރިގޮތަކީ 'އެކަން' ސިއްރުކުރުންކަމަށް ނަޔާބުއަށް ފެންނާތީ މިހުރިހައި ދުވަހު ސިއްރުކުރީ ކަމަށް އޭނާ ބުނެދިނެވެ. އަސްމާރުގެ ކޮއްކޮގެ ދިރިއުޅުން ހަލާކުކުރަން ނުވަތަ އެ ދެމަފިރިންގެ ގުޅުން ހީނަރުކުރުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތްކަމަށްވެސް ނަޔާބު ބުނެދިނެވެ. އަސްމާރުގެ ކޮއްކޮ އިގްރާއާއި ކައިވެނި ކޮށްގެން އާދިލް އެ ގެއަށް އައި ފުރަތަމަ ހަފްތާއިން ފެށިގެން ނަޔާބުއަށް އެކި ކަހަލަ ގޯނާތަށް ކުރަމުން ދާކަމަށް އަސްމާރުގެ ގާތުގައި ފުރަތަމަ ފަހަރަށް ނަޔާބު ބުނެދިނެވެ. ފާއިތުވި އަހަރު ނުވަތަ ދޮޅު އަހަރު ދުވަސްތެރޭގައި އާދިލްގެ ކިބައިން ލިބުނު އެތަށް ގޯނާއެއް، ފުރަތަމަ ފަހަރަށް ބުނެދިނުމަށް ނަޔާބު ނިންމީ، އެކަން އަސްމާރު ގަބޫލު ނުކުރިޔަސް ހެޔޮކަމަށެވެ.
ގޭތެރޭގައި ގޯސްކޮށް ހިންގަމުންދާ ކަންކަމުގެ ޒިންމާ ނަޔާބު ނަގަންޖެހެނީ އެކަންކަން ނަޔާބުގެ ބޮލުގައި އާދިލް އަޅުވާތީކަމާއި އެއީ އޭނާގެ ނުބައި ރޭވުމުގައި ނަޔާބު ބައިވެރި ނުވުމުން ބަދަލު ހިފުމުގެ ގޮތުން ދޭ އަނިޔާތަކެއްކަމަށް ބުނެލިއިރު ނަޔާބުއަށް ގިސްލެވިއްޖެ އެވެ. ކިތަންމެ އަސަރާއެކު އެ ހާދިސާތަށް ބުނެދެމުން ދިއަޔަސް، ފިރިމީހާ ދިނީ ބީރު ކަންފަތެކެވެ.
އޮފީހަށް ދިއުމަށް ތައްޔާރުވެގެން ލެޕްޓޮޕް ދަބަސް ނެގުމަށް އަސްމާރު ގުދުވެލި ވަގުތު އޭނާގެ ދެފައިގައި ނަޔާބު ހިފެހެއްޓީ ކުޑަކަކޫ ޖަހާފަ އެވެ. ތަކުރާރުކޮށް މައާފަށް އެދިއެދި އޮއްވައި އެއިން އަޑެއް ނީވޭކަމަށް ހަދާފައި އަސްމާރު ކޮޓަރީން ނިކުމެއްޖެ އެވެ. ނަޔާބުގެ އަތުތެރެއިން ގަދަކަމުން ދެމިގަނެގެންނެވެ.
އަސްމާރު އިށީނީ ސައިމޭޒު ކައިރިއަށެވެ. އެއީ ގޭގެ އެންމެން ހެނދުނުގެ ނާސްތާކުރާ ވަގުތެވެ.
މޭޒުދޮށުގައި އިގްރާއާއި އޭނާގެ ފިރިމީހާ ތިއްބެވެ. ދުވަހުގެ ތަހުނިޔާ ހައްގުވަނީ ހަމައެކަނި އެ ދެ މީހުންނަށް ކަމަށްވެދާނެ އެވެ. ހިނިތުންވުމާއެކު ތަހުނިޔާ ކިޔާލާފައި އަސްމާރު އިށީނީ އާދިލްއާއި ޖެހިގެން އިން ގޮނޑީގަ އެވެ.
އާންމުކޮށް އިށީންނަ ގޮނޑި އަސްމާރު ބަދަލުކުރުމުން ލިބުނު ހައިރާންކަން ފާޅުކުރާން މި ވަގުތު ނަޔާބު ބޭނުމެއް ނޫނެވެ. އޭނާ އިށީނީ ފިރިމީހާގެ ވަސްދުވާ ހިސާބު ދާދި ގާތުގަ އެވެ. ޖެހިގެން އިން ގޮނޑިގަ އެވެ.
ފޫހި ގޮތަކަށް މާނޭވާއެއް ދޫކޮށްލިކަން އެނގުމުންވެސް ނަޔާބު އަޅައެއްނުލަ އެވެ.
ފަލަމަސްގަނޑުމަތީގައި ބާއްވާލާފައި އޮތް އަސްމާރުގެ އަތް މަތީގައި ނަޔާބު އަތް ބާއްވާލި އެވެ. ފަކުރެއް ފޮޅާލާހެން އެ އަތް ފޮޅައިލުމަށް ސިކުންތެއްވެސް ނުނެގި އެވެ.
އެވަރުގެ ނަފުރަތެއް ނަޔާބަށް ހައްގެއް ނޫނެވެ. ތޫނު ހަންޖަރެއްގެ ހަމަލާޔަކުންވެސް އެވަރުގެ ދިލައެއް ނުނަގާނެކަން ޔަގީނެވެ. ހިތް ކުދިކުދިވެ، ލޭ އޮހޮރިއްޖެ އެވެ.
ދެ ލޮލުގެ އެސްފިޔަތަކުގެ ތެރެއިން ހޫނު އާވި އެރިޔަސް ނަޔާބު ކެތްކުރި އެވެ. ކުރެވޭނެކަމެއް ނެތި މާޔޫސްކަމުގެ ސާލު އޮޅާލައިގެން އިސްޖަހައިލުން ފިޔަވައި މިވަގުތު އޭނާއަށް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. ދާދި ގާތުގައި އޭނާ އެންމެ ލޯބިވާ ފިރިމީހާ އެވެ. އަނިޔާ ދެނީ އޭނާ އެވެ! އެއާއި ޖެހިގެން އޭނާގެ ކޮއްކު އެންމެ ލޯބިވާ، އޭނާގެ ފިރިހާ އެވެ. ނަޔާބުގެ ކަރުނައިގެ އަސްލަކީ އެއީ އެވެ. އެއާއި ޖެހިގެން އެ އިނީ އަސްމާރުގެ އެންމެ ލޯބިވާ އޭނާގެ ފުރާނަ ފަދަ ކޮއްކޮ އެވެ. ކޮއްކޮގެ ކޮންމެ ބުނުމަކީ ހުކުމެކެވެ. އެހެން މީހެއްގެ ފުރާނަޔަށް އޭނާ އެދުނަސް، އެކަމަކަށް އަސްމާރު ފަސް ނުޖެހިދާނެތީ ނަޔާބު ބިރުގަނެ އެވެ. މި މަޖުލީހުގައި މަދީ، މާމަ އެވެ. އެއީ އަސްމާރުގެ ކޮންޓްރޯލް ސްވިޗެވެ. މާމަ ބުނެފި ކޮންމެ ލަފްޒަކީ، ކޮންމެ އިބާރާތާކީ
'ތެދު ހަގީގަތެވެ.' (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;