ads
ރޫހު - ހަތް ވަނަ ބައި
އެޕިސޯޑް 7
Advertisement

ރަޝްދާން ހަގީގަތާއި ކުރިމަތިލާނީ ކޮން ދުވަހަކުންތޯ ސުވާލު އުފެއްދީމެވެ. ނާއުންމީދުން އަހަރެންގެ ހިތް މާޔޫސްވެއްޖެ އެވެ. މަންމައާއި ބައްޕަ އަދި ބޭބެގެ ނުރުހުމާއެކު މި ކައިވެނި ކުރެވުނީތީ ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ލަކުނު ލެވިއްޖެ އެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އެ ދިމާއަށް ބަލައިލެވުނެވެ. ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮދިފަށް ދެމިގެންކަން އިހްސާސްވީ ރަޝްދާން އެތެރެއަށް ވަންފަހުންނެވެ. އޭނާގެ އެއް އަތުގައި ސިޓީ އުރައެއް، އަނެއް އަތުގައި ކުރުނބާ ފެންތައްޓެއް ހުއްޓެވެ.

އަހަރެންގެ ލޮލަށް ރަޝްދާން ބަލައިވެސް ނުލަ އެވެ. އިސްޖަހައިގެން ހުރެ، އަހަރެންގެ މަގަތުން އޮތް ޖާގައިގައި އިށީނެވެ. 

އެއީ ކޮން ސިޓީއުރައެއް ތޯ ސުވާލުކުރާން ބޭނުމެވެ. އެކަމަކު ދުލުން އެންމެ ލަފްޒެއްވެސް ބޭރުނުވި އެވެ. ރަޝްދާންގެ ކިބައިން އަހަރެން އެދޭނެ އިތުރު އުއްމީދެއް ނެތީ އެވެ. ހިތްހަމަނުޖެހުމާއެކު އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ. 

"ނިމްރާ، މައި ލަވް! ނިމްރާގެ ބަނޑަށް ދެ މަސް ފުރިއްޖެ.. ތެންކިއު ސޯ މަޗް މައި ލަވް!" އިވުނު އަޑު ގަބޫލު ނުކުރެވިފައި ބަލައިލެވުނެވެ. ސީދާ ރަޝްދާންގެ ދެ ލޮލަށެވެ. އެވަރުގެ ލޯބި ބުނެލުމެއް މީގެ ކުރިން އަޑު އިވިފައި ނެތީ ކީއްވެބާ އެވެ. އަހަރެންގެ ހިތް އުފަލުން ނަށާލި އެވެ. މުޅި ދުނިޔެ ހާސިލްވި ފަދަ ކާމިޔާބަކުން މޫނުމަތި އުޖާލާވެއްޖެކަން ޔަގީނެވެ.

އަމިއްލަ ނަފުސުގެ ކުއްވެރިކަން ނޫނީ ރަޝްދާންގެ ލޮލުގައި ނުވެ އެވެ. އަހަންނަކީ އޭނާގެ ލޯބިކަން ރަޝްދާން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ. ހިތުގެ ހުރިހާ ޝަކުވާއެއް މައާފެވެ. ލޯބީގެ އިހްސާސްގެ މޮޔަކަމާއެވެ! މިއަށްވުރެން އަޖައިބުކުރުވަނިމި އިހްސާސެއް ﷲތައާލާ ދުނިޔޭގައި ލެއްވި ބާ އެވެ؟ 

މައާފުގެ ލަފުޒު ދުލުން ހާމަނުކުރިޔަސް، އަހަރެންގެ ހިތު ލޯތްބަށް މައާފު ދިނުމަށް ސިކުންތެއްވެސް ނުނެގި އެވެ. އޭނާގެ ލޮބުވެތި އެ ޖުމުލައާއި އެ ބުނެދިން ހަގީގަތް ދިރިއުޅުމުގެ ހުލާސާއަކަށް ފުދި އިތުރުވެއްޖެ އެވެ. ރަޝްދާން ދެކެ އަހަރެންވާ ލޯބި މީގެކުރިންވެސް ހާމަކުރީމެވެ. ދެންވެސް، އަދިވެސް، ފަހުންވެސް އެ ލޯބި ހާމަކުރުމަށް ފަހެއް ނުޖެހޭނަމެވެ. 

ދުލުން ބަސް ނުބުންޏަސް، ހަގީގަތް އޭނާ ގަބޫލުކޮށްފިކަން އަހަރެން ޔަގީން ކުރީމެވެ. އެދުވަހުން ފެށިގެން އޮފީހަށް ދިއުންވެސް ރަޝްދާން އަހަންނަށް މަނާކުރި އެވެ. މައި ބަދައާއި އުނަގަނޑަށް ލިބުނު ގެއްލުން ބޮޑެވެ. ތެދުވެ އުޅުމާއި ގޭތެރޭގެ މަސައްކަތްތައް ކުރުންވެސް ރަޝްދާން އަހަންނަށް މަނާކުރި އެވެ.  

އުފަލާއެކު އެކަން އަހަރެން ގަބޫލުކުރީމެވެ.

ހިޔާލްގެ ދުނިޔެއިން ނިކުމެވި، ކުއްލިޔަކަށް ސިއްސައިގެން ދިޔައީ ދެ ފައިގައި މީހަކު ފިރުމާލުމުންނެވެ. އެއީ ކާކުގެ އަތެއްކަން ދެނެގަތުމަށް އަހަރެންގެ ދެ ލޯ ހުޅުވާކަށް ނުޖެހެ އެވެ. އެއި އަހަރެންގެ ރާބިތު އެވެ. ދެ ފައި ދުޅަވެފައިވާތީ ފައިގައި ބާމް ހާކައިދިނުމާއި، ތަނެއްގައި އިށީނދެ އިންނަނަމަ ފައިގައި ފިރުމާލުމަކީ ހަމައެކަނި ރާބިތު ކޮށްދޭ ކަމެކެވެ. 

ހިނިތުންވަމުން އަހަރެންގެ ދަރިފުޅަށް ބަލައިލީމެވެ. ﷲ ގަންދީ ބުނަމެވެ. މި ދަރިފުޅު ދެކެ އިންތިހާއަށް އަހަރެން ލޯބިވަމެވެ! ދެ އަތުގެތެރޭގައި ހިމާޔަތް ދިނުމަށް ހިތް އެދުނީތީ އަތް އުފުލާލީމެވެ. އުފަލާއެކު އަހަރެންގެ ހަށިގަނޑުގައި ރާބިތު ބޮނޑިވެލި އެވެ. ނުވަ މަހުގެ ބަނޑަށް ތަދުނުވާނެ ގޮތް ވިސްނައިގެންނެވެ. ބޮލުގައި ފިރުމާލާފައި ނިއްކުރީގައި ބޮސް ދިނީމެވެ. އަދި އަބަދުވެސް ރާބިތުއަކީ މި މަންމަގެ ދޮށީދަރިފުޅުކަމުގައި މިފަހަރުވެސް ތަކުރާރުކޮށްލީމެވެ. އެ އަޑު އިވޭ ކޮންމެ ފަހަރަކު އެ މޫނުމަތީން ފެންނަ ހިނިތުންވުން، ފަރުވާއަކަށްވެސް އަހަންނަށް ފުދޭތީ އެވެ.

ދާދި ދެންމެ ކުރެވުނު ހިޔާލްތަކުގެ ތެރޭގައި އަނެއްކާވެސް ފީނާލެވުނެވެ. 

އަހަރެން މާ ބަނޑުކަން އެނގުނީ އެދުވަހުގެ އެ ބިރުވެރި އަދި ނުރައްކާތެރި ހާދިސާއަށް ފަހު އެވެ. އަހަރެންގެ ސުވާލަކާއި ނުލައި ރަޝްދާންގެ ސިއްރުފޮށީގެ ތަޅު އޭނާ ހުޅުވީވެސް އެ ދުވަހު އެވެ. އެ ސިއްރު، ބިމުގެ އަޑީގައި ވަޅުލައި އެ ނުތަނަވަސްކަމުން އަހަރެންނާއި 'އަހަރެންގެ ގެ' މިންޖުކޮށްދޭނެކަމަށް ރަޝްދާން ވައުދުވީވެސް އެ ދުވަހުގެ އެ ވަގުތު އެވެ. 

އަހަރެންގެ ހަށިގަނޑަށް ލިބިފައި ހުންނަ ޒަހަމްތަކާއި ކުރިމަތިވަމުންދިޔަ ހުރިހައިކަމެއްގެ ހަގީގަތް އޭނާއަށް އޮންނަނީ އެނގިފަ އެވެ. އެއިން ކަމަކުން ސަލާމަތްކުރާން އުޅެފިނަމަ، އަހަރެންގެ ފުރާނައަށް ނުރައްކާވެދާނެކަމުގެ ބިރަށް އެ ކަންކަން ނުފެންނަކަމަށް ހަދަން މަޖުބޫރުވަނީ ކަމުގައިވެސް ރަޝްދާން އެއްބަސްވި އެވެ. 

މެދު ނުކެނޑި ތިން މަސް ވަންދެން ރަޝްދާން ރުގުޔާ ކުރުވި އެވެ. އަލަމާރީގައި އަހަރެން ފޮރުވި ފޮޓޯ ފްރޭމްވެސް ސިޓިންގރޫމްގެ އެ ޖާގައިގައި ބެހެއްޓީ ރަޝްދާންގެ އަތުންނެވެ. ރުގުޔާގެ އަމާންކަމަށްފަހު، މި ގޭތެރެއިން ހަޔާތުގެ އެއްވެސް ތަސްވީރެއް ފެންނާން ނުހުރެ އެވެ. އެތަކެތި ނައްތާލީވެސް ރަޝްދާން އެވެ. 

އެއިގެ ފަހުން މިއަދާއި ހަމައަށް އެފަދަ ކަމެއް ދިމާ ނުވެ އެވެ. އަހަރެންނާއި އަހަރެންގެ މި ކުޑަ އާއިލާގެ ހިނިތުންވުމާއި އުފާވެރިކަމުގައި އާރާސްތުކުރަންފެށި ދިރިއުޅުމުގައި ބަހާރު މޫސުން މާޒީނުވެ، ހަ މަސް ފާއިތުވީ އެވެ. ﷲގެ ހަޒްރަތަށް ޝުކުރުގެ ސަޖިދަ ނުޖަހާ ދުވަހަކަށް އިރެއް ނާރަ އެވެ. މިއަދު މިއީ އަހަރެންގެ ގެ އެވެ. އަހަރެންގެ އާއިލާ އެވެ.

އަހަރެންގެ ހިތުގައި ރަޝްދާންއަށް އޮތް ލޯބި ފަނޑުވުމެއް ނެތެވެ. އެ ލޯތްބާއި އޯގާތެރިކަމުން ކޮންމެ ދުވަހެއްގެ އިރު ފެނުން ތޮޅެލުމަކީ މި ދުނިޔޭގައި މާތް ﷲ އަހަންނަށް ދެއްވި ނިއުމަތެކެވެ.

މި ހަޔާތުގައި ލޯބި ލިބި، އެ އިހްސާސް ތަޖުރިބާވެސް ކުރެވިއްޖެ އެވެ. އެއީ ދުނިޔޭގެ ކޮންމެ ބާރަކާއި ކޮންމެ ބިރުވެރިކަމަކާއި ކުރިމަތިލުމުގެ ހިތްވަރު ލިބިދޭ، ތަނަވަސްކަމެކެވެ. ލޯބި ނެތްނަމަ ދިރުމެއް ނެތެވެ. ގަދަ ބާރުން ހާސިލްކުރާ ގުޅުމަކީ ލޯތްބެއް ނޫނެވެ. 

މިފަހަރުވެސް ހިޔާލުގެ ވައިރޯޅިން އެކަހެރިކޮށްލީ އަހަރެންގެ ރާބިތު އެވެ. 

އޭނާއާއެކު 'ޕަޒުލް'އެއް ރާވަން ޖެހުނީ އެވެ. މިފަދަ ވަގުތުތަކަކީ އަހަރުމެން ދެމީހުންގެ އުފާވެރި ހަނދާންތަކެވެ. މި އެކުވެރިކަމަށް އަހަރެން ލޯބިކުރަމެވެ. 

މޭޒުމަތީގައި ޕަޒުލްގެ އެތިކޮޅުތަށް ރާބިތު އަތުރާލި އެވެ. ކެތްތެރިކަމާއެކު ވިސްނަމުން ޕަޒުލް ފުރިހަމަކުރަމުން ދަނިކޮށް، ކުއްލިޔަކަށް ރާބިތުއަށް ބަދަލެއް އައިސްފިކަން  ފާހަގަކުރީމެވެ. ކިހިނެއްވީތޯ އަހަރެން ސުވާލުކުރީ ލޮލުގެ އިޝާރާތުންނެވެ. 

ރާބިތު އިސްޖަހައިލި އެވެ. ނުތަނަވަސްކަން އެ ދަރިފުޅުގެ ކޮންމެ ހަރަކާތަކުން ފެނުނެވެ. އަހަރެންނާއި ގާތުގައި ހުރި ޕަޒުލްގެ ހުރިހާ އެތިކޮޅުތަށް އޭނާއާއި ގާތަށް ޖައްސާލި އެވެ. އަހަރެންގެ މޫނަށް ބަލައިވެސް ނުލި އެވެ. ބޮޑު ބަނޑާއެކު އަހަރެން އަތް ފޯރާ ހިސާބުގައި އެންމެ އެތިކޮޅެއްވެސް މިވަގުތު ނެތެވެ. ރާބިތުގެ ހިމޭންކަން މިވަގުތު އަހަންނަށް ކަމަކު ނުދިޔަ އެވެ. ކިހިނެއް ވީތޯ ދެތިން ފަހަރު ސުވާލުކުރީމެވެ.

"އަސްލު މަންމަ ބުނީ، ރާބިތުގެ އަދި ބައްޕައާއި އަސްލު މަންމަގެ އެއްވެސް އެއްޗެއްގައި ތި މަންމަ އަތްލުމުގެ ހުއްދައެއް ނޯންނެޔޯ... ކުރިން ހުރި ގޮތަށް ގޭތެރެވެސް ބަދަލުކުރާށޯ.. އެހެން ނޫނީ..." ލަސްލަހުން، މަޑުމަޑުން ރާބިތު ބުނެލި އެވެ. ޖުމުލަ ފުރިހަމަ ކުރާންވެސް އެ ދަރިފުޅަށް ނުކެރުނެވެ. 

އަހަރެން ގަތް ބިރު ދެނެވޮޑިގެންވާނީ ﷲތައާލާ އެވެ!

އެ ދަރިފުޅު އެހެން އެ ބުނީ މަޖުބޫރުންކަން، އެއަޑު އިވުނު އަނދިރި މީހަކުވެސް އެއްބަސްވާނެ އެވެ. 

އަހަރެންގެ ބަނޑުގައި އޮތް ދަރިފުޅު ނުހަނު ބާރަށް ތޮޅެލީ އެވަގުތު އެވެ. އިހުތިޔާރަކާއި ނުލައި ދެ އަތުން ބަނޑުގައި ފިރުމާލެވުނެވެ. 

ކުއްލިޔަކަށް އަހަރެންގެ ކަރުގައި މީހަކު ހިފުމުން ތެޅިގަނެވުނީ ހަމަ އެ ސިކުންތުގައި އެވެ. ގަދަ ބާރު ދައްކާފައި އެ އަތް ދުރުކުރާން މަސައްކަތް ކުރީމެވެ. ނަމަވެސް އެއީ ނުރައްކާތެރި ބާރުގަދަ ހަމަލާއެކެވެ. ގޭތެރެއިން ދުވަމުންދިޔަ ނުބައިވަހުން ނޯއް ދަމާލަން ނުކެރެ އެވެ. ނޭވާގެ ކޮޅަށް އަހަރެން ތެޅިގަތީމެވެ. ބަނޑުގައި އޮތް ދަރިފުޅުގެ ހަރަކާތް ހިމޭންވާކަމުގެ އިހްސާސްކުރެވުމުން އަހަރެންގެ ހިތް ފަޅައިގެން ދިޔަ ފަދަ އެވެ. 

މަންމަގެ ހިތްވަރަށް ބަދަލު ނާންނާނެކަން، ބަނޑުގައި އޮތް ދަރިފުޅާއި ކުރިމަތީގައި އިން ދަރިފުޅަށްވެސް ހާމަކޮށްދޭން ބޭނުމެވެ. ކަރުން ފާޑެއްގެ އަޑެއް ބޭރުވި ވަގުތުގައި އަހަރެންގެ ގައިން ވާގި ދޫކޮށްލީމެވެ. ފުރާނަ ދިޔައީކަމަށް ނިންމާފައި އެ ރޫހު އަހަރެންގެ ކަރުން ދޫކޮށްލާތޯ އެވެ. 

މި ހަށީގައި އޮކްސިޖަން ނެތި، ނޭވާ ތާށިވިޔަސް ކާމިޔާބު ލިބުނީ އަހަންނަށެވެ. ފުރާނައިގައި ވިންދު ހުއްޓައި އަހަރެންގެ ކަރުން އެ ބާރުގަނޑު ކެނޑިއްޖެ އެވެ. އިވުނު ގަދަފަދަ އަޑާއެކު ގޭތެރެއަށް ގަދަ ވައިރޯޅިއެއް އައިފަދަ އެވެ. އެސްފިޔަތަށް ދުރުކޮށްލާފައި ބަލައިލީމެވެ. 

މި ނޫނީ އެ ރޫހް އަހަރެން ނުދެކެމެވެ. އެއީ އާޔަތު އެވެ. އެ އިސްކޮޅެވެ. ނަމަވެސް އޭނާގެ ސިފައެއް ނޫނެވެ. ދެ ލޮލުގެ ބިރުވެރި ވިދުން ފިޔަވައި އެހެން ސިފައެއް އެ މޫނުން ނުވެސް ފެނެ އެވެ

ހައެއްކަ މަހުގެ އަމާން ކަމަކަށްފަހު އަނެއްކާވެސް ބިރުވެރިކަމާއި ނުތަނަވަސްކަން ވަށައިލީ އެވެ. އަތުގެ ތެރޭގައި ޕަޒުލްގެ އެތިކޮޅެއް ބޮނޑިކޮށްލިގޮތަށް ރާބިތު، އިސް އުފުލައި ބަލައިވެސް ނުލި އެވެ. އެ ދަރިފުޅުގެ އަތުގެ އިނގިލިތަށް ތުރުތުރު އަޅާނިކޮށް އަހަރެން ދުށީމެވެ. 

އަހަރެންގެ އަތުތެރޭގައި އެ ދަރިފުޅު ހިމާޔަތް ކުރަން ބޭނުމެވެ. އިވުނު ބިރުވެރި އަޑު އެ ކަންފަތާއި ހަމައަށް ފޯރިއަ ނުދޭން ބޭނުމެވެ. އެކަމަކު އެވަރުގެ ހިތްވަރެއް މިވަގުތު ނެތެވެ. އަހަރެންގެ ދެ ލޮލުން ދެމިގަތް ކަރުނައިގެ ކޯރު، ކޯތާފަތް ހުރަސްކުރިއިރު ދެ ތުންފަތް ތުރުތުރު އަޅަން ފަށައިފި އެވެ. ރިއްސާން ފެށި ބަނޑާއެކު ހިރިވެސް  ނުލެވުނެވެ.

ނުހަނު އުނދަގުލުންވެސް، ރާބިތު ގާތުގައި އެދެވުނީ ރަޝްދާންއަށް ގުޅައިދިނުމަށެވެ. ހަމަ އެވަގުތު ގޭގެ ދޮރުން އެވަނީ އަހަރެންގެ ރަޝްދާން އެވެ. ހޯސްލާފައި ދެ ފައިން ފެންގަނޑު ދެމިގަތީ ރަޝްދާންގެ ކުރިމަތީގަ އެވެ. ކުޑަކުއްޖަކު އުރާލާ ފަދައިން އޭނާގެ ދެ އަތް މަތީގައި އަހަރެން އުފުލާލީ ލޯތްބާއި އޯގާތެރިކަމާއެކު އެވެ. 

ގޭތެރޭގެ ހާލަތު ރަޝްދާންއަށް ވިސްނުނުކަން އެނގުނީ އޭނާ ރޮއެގަތީމަ އެވެ. އަހަރެންގެ ނިއްކުރިއާއި މޫނުގެ އެތަންމިތަނުގައި ރަޝްދާން ބޮސްދިނެވެ. 

އަހަރެންގެ ބަނޑުގައިވާ ދަރިފުޅާއި އަހަރެން ސަލާމަތްކުރާނެކަމަށް ތަކުރާރުކޮށް ވައުދުވި އެވެ. އޭނާ ދޫކޮށް ނުދިއުމަށް އެދި ރުއި އެވެ. އަހަރެންނާއި ނުލައި ދިރިއުޅެން ދެން ނޭގޭނެކަމަށްވެސް ރަޝްދާން ބުނާއަޑު އިވުނުހެން ހީވި އެވެ.

ގަދަ ރިހުމުގައި ލޮލުގެ ފެނުން ފަނޑުވަމުންދިޔަ ވަގުތު އެންމެ ފަހުން ފެނުނު މަންޒަރަކީ އަހަރެންގެ ދޮށީދަރިފުޅުގެ ދެ ލޮލުން ފޭބި ކަރުނަ އެވެ. އަހަރެންނަށްޓަކައި އެ ދެ ލޮލުގައިވީ ލޯބި ސާފުކޮށް ދުށީމެވެ. އެއަށްވުރެން ބޮޑު ހިތްހަމަޖެހުމެއް އަހަންނަށް މިދުނިޔެއިން ނުލިބޭނެ އެވެ. އަހަރެންގެ ނޭވާ ހޮޅިން އޮކްސިޖަން ހުސްވަނީ އެވެ. ނޭވާއެއް ނުލެވުނެވެ.

ރާބިތުގެ ލޯތްބާއި ރަޝްދާންގެ ހިތް މިދުނިޔެއިން ލިބިއްޖެ އެވެ. އިން ޝާ ﷲ އަހަރެންގެ ބަނޑުގައި މި އޮތް ދަރިފުޅަށް، ﷲތައާލާގެ ނިއުމަތުން  ދުނިޔޭގެ އެންމެ ލޯބި ބައްޕައާއި އެންމެ ހިތްހެޔޮ އެކުވެރި ބޭބެ ލިބޭނެ އެވެ. އާދަޔާ ހިލާފް މި ގަދަ ރިހުމުން އަހަންނަށް މިންޖުނުވެވި މުޅި އުމުރަށް ލޯ މަރައިލާން ޖެހުނަސް އިން ޝާ ﷲ މި ދަރިފުޅާއެކު އަހަރެންގެ އާއިލާއަށް އަމާންކަމާއި ބާއްޖަވެރިކަން އަބަދުވެސް އެދެމެވެ.  

=މި ހަށީގައި ވިންދު ހުރިހައި ހިނދަކު އަހަރެންގެ ލޯބިން ރަޝްދާންގެ ދުނިޔެ އުޖާލާކޮށްދިނީމެވެ. ރަޝްދާންއަށްވުރެން ކުރިން އަހަރެންގެ ފުރާނަ ވަކިވެއްޖެނަމަ، ސުވަރުގެއިން ބައްދަލުކުރާނެ ދުވަހަކަށް އިންތިޒާރުކުރާނަމެވެ. އެ ނޫން ލޯތްބެއް ދެ ދުނިޔޭގައިވެސް ނޭދެމެވެ.= 

(ނިމުނީ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;