ރަޝްދާންގެ އަލަތު އަނބިމީހާ މާ ބަނޑުއިރު ގެންގުޅު ގޮތް އޭނާގެ ދުލުން އަހަންނަށް ވަނީ ކިޔައިދީފަ އެވެ. އޭގެ އެތަށް ގުނައެއްގެ އުފާވެރިކަން އަހަރެންނާއި އަހަރެންގެ މި ދަރިފުޅަށް އިހްސާސްކުރެވިއްޖެ އެވެ. ނަމަވެސް، ގާތުގައި ފިރިމީހާ ނެތް ކޮންމެ ހިނދުކޮޅެއްގެ އިންތިޒާރުގެ ވަގުތުތަށް ދިގުވާން ފެށި އެވެ.
ސަބަބެއް ނޭގެ އެވެ. ނުތަނަވަސް ކަމުން މާޔޫސްވަނީ އެވެ. ރަޝްދާން ނުފެނިދާނެކަމުގެ ބިރު ހިތުގައި އާލާވަނީ އެވެ. އޭނާ ނުފެންނަ ހިސާބެއްގައި ހުރުން ފަސޭހައެއް ނޫނެވެ.
ގޭތެރޭގެ 'ނުފެންނަ' ހަލަބޮލިކަމަށްވެސް ނިމުން ގެނެސްފި އެވެ. ހާދިސާތައް ކުރިމަތި ނުވިޔަސް، އެ ބިރު ހިތަކުން ނުފިލަ އެވެ. އެ ރޭގެ ބިރުވެރި ހާދިސާއަށްފަހު އެކަންކަން ހައްލު ނުކުރިނަމަ ނަފްސާނީ ބޭސްނުކައި އަހަރެން ސަލާމަތް ނުވީސްކަން މިހާރު ޔަގީނެވެ. އެ ހުރިހައި ކަމަކަށް ހިތުގެ އެންމެ އަޑިން އަހަރެންގެ ރަޝްދާންއަށް ނިމުން ނެތް ޝުކުރު ހައްގެވެ.
އެއް ދުވަހެއްގެ ހަވީރުން ވަގުތެކެވެ. މާބޮޑަށް ގޭހުގެ އުނދަގުލާއެކު ވަރުބަލިވާތީ، މެންދުރުކުރީން އަހަރެން ބަދިގެ ނިންމާލީމެވެ. ދަރިފުޅާއި ފިރިމީހާ ނެތުމުން އަހަރެން އޮށޯތީ ސިޓިންގ ރޫމް ސޯފާގައި އެވެ. ރޭގަނޑުގެ ކެއުމަށް ރާބިތު ބޭނުންވާ 'ޗީޒް ޕާސްޓާ' ފިޔަވައި އެހެން ހުރިހައި އެއްޗެއް ހުންނާނީ ތައްޔާރުކޮށްފަ އެވެ.
ހިޔާލަށް އައީ އަހަރެން މާ ބަނޑުވިކަން އެނގުނު ރޭ ގެ އާދަޔާ ހިލާފު ހާދިސާ އެވެ.
އެއީ ހަނދުމަހުގެ ސާދަ ވިލޭރެ އެވެ. އެ ރެއަށް ޓަކައި ހާއްސަ ތައްޔާރީއެއް އަހަރެން ވީމެވެ.
ކައުންސިލްގެ ރައީސަކީ އަހަރެންގެ ގާތް ރައްޓެއްސަކަށް ވާތީ އޭނާގެ އެހީތެރިކަން އިންތިހާއަށް އެކަމުގައި ހޯދީމެވެ.
ހަނދުގެ ފުރިހަމަކަން ދެކިލުމަށް އަތިރިމައްޗަށް އަހަރެނާއެކު ގޮސްލުމަށް ރަޝްދާން ގާތުން އެދުނީމެވެ. އެއްބަސްކުރާން ފަސޭހައެއް ނުވި އެވެ. އެކަމަށް އެދި އާދޭސްކުރީމެވެ. އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ރަޝްދާން ގެއިން ނެރުނީވެސް އަހަރެންނެވެ. ރަޝްދާންގެ އުޒުރަކީ، ރޭގަނޑުގެ ލަސް ގަޑިއެއްގައި ރާބިތު އެކަނި ގޭގައި ބާއްވާފައި ދިއުން ރަގަޅު ނުވާނެތީ އެވެ. އެކަމަށް އަހަރެން އެއްބަހެވެ. ރަޝްދާންއަށް ނޭގޭ ހަގީގަތަކީ، ބައްޕަ ގޮވައިގެން ބޭރަށް ދިއުމުގެ ހުއްދަ އަހަންނަށް ދިނީ ރާބިތު ކަމެވެ.
މާދަމާއަކީ ހުކުރު ދުވަހަށްވާތީ މަންމައާއި ބައްޕަ އަންނަންދެން ރާބިތު ފިލްމެއް ބަލާލަން ނުނިދާ މަޑުކުރާނީކަމަށްވެސް ބުންޏެވެ. އަހަރެންގެ ދަރިފުޅުގެ ތަނަވަސް ވިސްނުމަށް ތައުރީފްކުރީމެވެ.
ގޭތެރޭގައި މަންމައަށް މިނިވަންކަމެއް ނެއްކަން އަހަރެންގެ ދަރިފުޅު ގަބޫލުކުރެ އެވެ. ކޮންމެއަކަސް ހިތް ނުރުހުނަސް އަހަރެންގެ އެ ހުވަފެން ފުރަތަމަ ފަހަރަށް ފުރިހަމަވަނީ އެވެ.
މުޅި ކާއިނާތުގައި ވަނީ އުނިކަމެއް ނެތް ފުރިހަމަ ހަނދުގެ ހިތްގައިމު އަލިކަމެވެ. ހިމުން ދޮންވެލިމަތީގައި އަހަރެންގެ ފިރިމީހާގެ އުނގުގައި ބޯއަޅާލައިގެން އޮވެލަން ލިބުނު އެއީ ފުރަތަމަ ފުރުސަތެވެ. ދާދި ގާތުގައި 'ބީޗް ޗެއަރ' ބަހަށްޓާލާފައި ހުއްޓެވެ. ދެ ކުށަންއާއެކު މަޑު ބްލޭންކެޓްއެއް އޭގައި އަޅާލާފައި އޮތެވެ. އެއީ އަހަރެންގެ އެކުވެރިޔާގެ ހަދިޔާއެކެވެ.
އުފާވެރި އާއިލާއަކަށް އަހަރެން ކުރާ އުއްމީދާއި، ރަޝްދާންގެ ކިބައިން އަހަރެން އެދޭ އެއްބާރުލުން ވަރަށް ސާފުކޮށް އެރޭ ބުނެދިނީމެވެ. އޭނާ ދެކޮޅެއް ނުހަދަ އެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިއާއި އިވެމުންދިޔަ ކުދި ރާޅުތަކުގެ ފުރިހަމަ މިއުޒިކީ އަޑުތަކުން، އިންސާނެއްގެ ހިތް ފަތަހަކޮށްލާން ހިނދުކޮޅެއްވެސް ނުނަގަ އެވެ. އަކިރިތަކުގައި ރާޅު ދެމިލާފައި ސަމާސާކޮށްލާ ގޮތުން އިޝްގުގެ އޮއެވަރު ބަދަލުވެގެންދަނީ އިހްތިޔާރަކާއި ނުލަ އެވެ. އަހަރެންގެ ހިތުގެ އޮއެވަރަށް އަންނަމުންދިޔަ ބަދަލުތަށް ފޮރުވާކަށް އެ ރޭ މަސައްކަތެއް ނުކުރަމެވެ.
ފުރަތަމަ ފަހަރަށް ހާމަ ތަނެއްގައި ލޯބިކުރުމަށް އަހަރެން އިސްނެގީމެވެ. ރަޝްދާން ޖެހިލުންވިޔަސް އަހަރެންގެ ކޮންމެ އިޝާރާތަކަށް އިޖާބަ ދިނެވެ. އަހަރުމެން ދެމީހުން ނޫން އެހެން އިންސާނެއްގެ ހިލަމެއްވެސް އެތަނުގައި ނެތެވެ. ވިސްނާންޖެހޭ އަދި ފިކުރުކުރާންޖެހޭ ކަމެއް އަހަރެން ވަށައިގެން ނުވެ އެވެ. އެއީ އެއްގޮތަކަށްވެސް ރޭގަނޑު މީހުން އައިސްއުޅޭ ދިމާއެއް ނޫނެވެ. ހިތްގައިމު މަންޒިލްގެ އެންމެ ފުރިހަމަ ފައިދާ ލިބިގަތީމެވެ.
ހަނދުވަރުގެ ރިހި އަލީގައި ދެ ގަޑިއެއްހާއިރު ހޭދަކުރީމެވެ. ދިރިއުޅޭ ގެއަށްވުރެން އެތަށް ގުނައެއް އެ މެހެފިލް އަހަންނަށް ހިތްގައިމެވެ. އަނދިރީގައިވެސް ރަށުގެ ގޮނޑުދޮށުގެ ރީތިކަމާއި ފުރިހަމަކަން އަހަރެންގެ ހިތުގައި ތަސްވީރުކުރީމެވެ. މުޅިން އައު ހަނދާންތަކެއްގެ ގޮތުގައި އެވެ. އަހަރެންގެ ރަޝްދާންގެ ފިރިހެންވަންތަކަން އެއަށްވުރެން ހިތްގައިމުކޮށް އަހަރެން އިހްސާސްކުރި ރެއެއް މާޒީއެއް ނުވެ އެވެ.
ގެއަށް އައީވެސް ހިތާއި ދެކޮޅަށެވެ.
މުޅި ރޭ އަހަރެންގެ އިހްސާސްތަކުގައި ރަޝްދާން ފިރުމައިދިނެވެ. އަމިއްލަ އަތުން އެއްކަމެއްވެސް ނުކުރަމެވެ. ގެއަށް އައިސް ފާހަނާއަށް ވެއްދީވެސް ރަޝްދާންގެ ދެ އަތް މަތީގައި އުފުލާލައިގެންނެވެ. ފެންވަރުވައި އަހަރެންގެ ގައިގައި ކްރީމް ހާކައިދިނީވެސް އަހަރެންގެ ފިރިމީހާ އެވެ. ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލާފައި އޭނާގެ މޭމަތީގައި އަހަރެންގެ މޫނު ފޮރުވާލީވެސް އޭނާ އެވެ.
މި ނޫނަސް 'ގާތް ގުޅުން' އަހަރުމެންގެ މެދުގައި މަދުންނަމަވެސް އޮވެ އެވެ. އެކަމަކު އެއީ ލޯތްބެއް ނޫނެވެ. އެކަން ރަޝްދާންވެސް ގަބޫލުކުރާކަން އެނގުނީ އެ ރޭ އެވެ. އެތަށް އަހަރެއް ވަންދެން އަހަރެންގެ ހިތުގައި ބިންވަޅުނަގާފައިވާ ލޯތްބަށް ފުރަތަމަ ފަހަރަށް ބަހާރު މޫސުން ގެނުވި ތާރީހީ ރެއަކީ އެއީ އެވެ.
ނިދީގެ ތެރެއަށް ގެނބިގެންދިޔަ އިރެއްވެސް ނޭގުނެވެ. އެއަށްވުރެން ނިދަން ފަސޭހަވި ރެއެއް މިގޭގައި އަހަރެން ހޭދަނުކުރަމެވެ.
ދެ ލޮލުގެ އެސްފިޔަތަށް މަޑުމަޑުން ދުރުވާން ފެށި އެވެ. ރަޝްދާންގެ ހަށިގަނޑުމަތީން އަހަރެންގެ ހަށިގަނޑު ލޫދިގެން ތިރިއަށް ފައިބާހެން ހީވުމުން އެސްފިޔަތަށް ދުރުކޮށްލެވުނެވެ.
ހަތަރެސްފައިގެ ހުދުހަމުން ލޭ ދަމައިގަތްފަދަ ތޫނު ތަދެއް އިހްސާސްވި އެވެ. އަރައިގެން އައި ނަގޫ ރޯޅިއެއް ފަދައިން އަހަރެންގެ ހަށިގަނޑު ވިއްސައިގެންގޮސް ޖެހުނީ ކޮޓަރީގެ ފާރެއްގެ ބުޑަށެވެ. އާހެއްގެ އަޑާއެކު އަހަރެންގެ ދެ ލޮލުން ކަރުނަ އޮހިގަތީ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަކުން ނޫނެވެ. ގުޑާ ނުލެވި އަތެއް ފަޔެއް ހަރަކާތް ނުކުރެވިފައި ފާރުބުޑަށް އަހަރެން އެއްލާލާފައި އޮތް އިރުވެސް ރަޝްދާން އެ އިނީ އެނދުމަތީގައި މަންޒަރު ބަލާށެވެ.
އަހަރެންގެ ހަށިގަނޑު ހޫރުވާލި އާދަޔާ ހިލާފު ބާރު އަޑާއެކު ރަޝްދާންއަށް ހޭލެވުނީއެވެ. ނުވަތަ އެ މަންޒަރު 'އޭނާއަށް ދެއްކީ' އެވެ. ރަޝްދާންގެ މޫނު އަހަރެން ދުށީމެވެ. ރަހުމެއް ނެތި ގުޅަޔަކަށް ބިންމައްޗަށް އެއްލި ވަގުތު، އެނދުމަތީގައި އޮތް މަޑު ބްލޭންކެޓް އަހަރެންގެ ގައިމައްޗަށް އޭނާ އެއްލީތީ، އެ މިންވަރަށް ޝުކުރުވެރިވަމެވެ.
އާރެއް ބާރެއް ނެތި ޖަލެއްގައި ހައްޔަރުވެފައި އިން މީހަކު ފަދައިން ފެންކަޅިވެފައި ރަޝްދާން އިނީ އިސްޖަހައިލައިގެންނެވެ. އޭނާގެ މަޖުބޫރީ ހާލަތެއް އަހަންނަކަށް ނޭގެ އެވެ. އެކަމަކު މި ދިރިއުޅުމަށް އަހަރެން އައީ ހަލާލު ގޮތުގަ އެވެ. އަހަންނަކީ ރަޝްދާންގެ އަނބިމީހާ އެވެ. އަހަރެންގެ ސަލާމަތާއި ރައްކާތެރިކަމަށް ރަޝްދާން ޖެހިލުންވަންޏާއި މި ދިރިއުޅުމުގައި އަހަންނަށްޓަކައި ޖާގައެއް ނެތެވެ. އެކަން ގަބޫލުކުރެވެން ހިނދުކޮޅެއްވެސް ނުނެގި އެވެ. ރޭގެ އުފާވެރިކަން އަހަރެންގެ ނޫރުން، ފަނޑުވެއްޖެ އެވެ. ކަރުނައިގެ ހޫނުން އަހަރެންގެ ހިތް ފިއްސާލައިފި އެވެ.
ޔަގީނުންވެސް ވިއްސަކަށް މިނެޓް އެގޮތުގައި، އެ ވޭނުގައި އަހަރެން ރުއީމެވެ.
ޖަލުގެ ތޭރިތަކުން މިންޖު ވެވުނީކަންނޭގެ އެވެ. ކުއްލިޔަކަށް ދުވެފައި އައިސް އޭނާގެ ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލިއިރު އަހަރެންގެ ހެޔަށް ގޮތް ވެއްޖެ އެވެ.
ލޯ ހުޅުވުމާއެކު ވަށައިގެން ބަލައިލެވުނެވެ. ގަޑިން ވީ އިރެއް ނޭގުނަސް، އެއީ ހެނދުނު ނޫންކަން ޔަގީނެވެ. ފިނިފެންމާ ގަސްތަކާއި ދިމާއިން ކުޑަދޮރު ހުޅުވާފައި އިނީތި، ރީތިކޮށް ބޭރު ފެނެ އެވެ.
ސަމާލުކަން ހުއްޓުނީ ސައިޑްޓޭބަލް މަތީގައި އޮތް ބޭސް ސިޓީއަށެވެ. ކޯ ކަށިގަނޑަށް ބާރުލެވުނީ ލިޔެފައި އޮތް އެއްޗަކުންނެވެ. ނިދީގައި އެނދުން ވެއްޓުނީކަމަށް އޭގައި ޑޮކްޓަރު ލިޔެފައި އޮންނާނީ ޔަގީނުންވެސް ރަޝްދާން މައުލޫމާތު ދީގެންނެވެ. އަހަރެންގެ އަތުގެ ތެރޭގައި އެ ކަރުދާސްގަނޑު ބޮނޑިކޮށްލީމެވެ. ވޭނީ ރިހުމަކުން ހިތުގައި ވިންދު ޖަހައިލީ މާޔޫސްކަމާއެކު އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;