ރިފަރެންޑަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ނޫނީ ރިފަރެންޑަމަށް ނުދިޔުމަށް ރައީސް ނަޝީދު ގޮވާލެއްވީ ގެންނަށް އުޅޭ ބަދަލަކީ ބޮޑު ބަދަލަކަށްވެފައި އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ލިބޭ ހިޔާލުތަކަށް ރިޔާއަތް ކުރުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ސިފަ ކުރެއްވުމަށް ފަހުގަ އެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލު ކުރާ އިސްލާހެއް ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސްކަމާއި ވެރިކަން ވެސް ކުރައްވާފައިވާ ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭން ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދުނު ވާހަކައަށް އަލިއަޅުވާލައި، ހަރަދު ކުޑަކުރުމުގެ ވާހަކަ ވެސް ދައްކަވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭން ބޭނުން ޖެހުނު ކޮންމެ ވަގުތެއްގައި އިންޑިއާއިން އެހީގެ އަތް ދިއްކޮށްލާފައިވާ ކަމަށެވެ.
އެ ގޮތުން، 3 ނޮވެންބަރު 1988 ގައި ދިން އުދުވާނީ ހަމަލައާއި ސުނާމީ ކާރިސާއާއި ފެނުގެ ކާރިސާ އަދި ކޮވިޑް 19ގެ ދުވަސްވަރު ވެސް އެ ގައުމުން ރާއްޖެއަށް އެހީވިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެގޮތުން ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީން އަންނަނީ ބުނަމުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އަންނަނީ، އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނަމުންނެވެ. އެމްޑީޕީން ވަނީ އެ ވޯޓު ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;