ކުލަގަދަ ރަސްމިއްޔާތަކާއެކު ފީފާ ވޯލްޑް ކަޕް 2026 ފެށުން
2026-06-12 10:36:38
މުބާރާތް ފަށާ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާއިރު، މި މެޗުގެ ކުރިން މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި މުބާރާތް ބާއްވާ ގައުމެއްގެ ހަސިއްޔަތުން މެކްސިކޯ ސިޓީގެ ފަރާތުން ކުޅިބަލަން އައި ފަރާތްތަކަށް މަރުހަބާ ކިޔާފައިވަނީ، ފީފާގެ އެމްބެސަޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މެކްސިކޯއަށް އުފަން އެމެރިކާގެ ފިލްމީ ތަރި، ޑިރެކްޓަރ އަދި ޕްރޮޑިއުސަރ ސަލްމާ ހަޔެކް ޕިނޯލްޓެވެ. މިހަރަކާތުގައި މެކްސިކޯގެ ސަގާފަތް ދައްކުވައިދީފައިވާއިރު، ވޯލްޑް ކަޕާއި ގުޅުންހުރި ތަފާތު މެސެޖުތަކެއް ދެމުންދިޔަ އެވެ. މި ފަހަރު މުބާރާތުގައި މުބާރާތް ބާއްވާ ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވާއިރު، ހުކުރު ދުވަހު ކެނެޓާގެ ޓްރޮންޓޯގައި ހާއްސަ ރަސްމިއްޔާތު ބާއްވާނެ އެވެ. އަދި އެމެރިކާގެ ލޮސް އެންޖެލިސްގައި، އެމެރިކާ އަދި ޕެރެގުއޭ ބައްދަލުކުރާ މެޗުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވާނެ އެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 48 ޓީމު ވާދަ ކުރާ އިރު، ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ޖަމަޖެހިފަ އެވެ. ފައިނަލް މެޗު ކުޅުމަށް ޖަމަޖެހިފައި ވަނީ ޖުލައި 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑީން 12 ޖަހާއިރު، އެމެރިކާގެ ނިއުޖާޒީގަ އެވެ.