ގިރާވަރު ފަޅު ހިއްކުން ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން
2026-03-28 18:57:38
ރައީސް ޑރ. މުހައްމަދު މުއިއްޒު ގިރާވަރު ފަޅުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ. މި މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. ގިރާފަރު ފަޅު މަޝްރޫއުގައި ޖުމުލަ 167.15 ހެކްޓަރުގެ ބިން އެ ފަޅުން ހިއްކައެވެ.
އެމްއޭސީލްއިން މި މަސައްކަތް ކޮންޓްރެކްޓްކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ސީއެމްސީސީއާ ހަވާލުކޮށްގެންނެވެ. އަދި މަޝްރުއޫގެ ބިން ހިއްކުމުގެ މަސައްކަތް ގެންދަނީ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. ރައީސް ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ހިމެނޭހެން ސަރުކާރުގެ ބައެއް ވަޒީރުންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އެމަނިކުފާނު ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވާފަ އެވެ.