ރައީސް، މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް
2026-02-19 17:50:39
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ވެރިކަންކުރާ ޕީއެންސީއަށް ތާއީދު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް މިއަދު ނުކުންނަވައިފި އެވެ. ރައީސް ޑރ. މުއިއްޒު ވަނީ ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް މިއަދުގެ ޑޯޓުޑޯ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ޒިޔާރަތް ކުރެއްވެވި އެވެ. ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. ޑޯޓުޑޯ ހަރަކާތުގައި ރައްޔިތުންގެ މަޖިލިހުގެ ވަރަށް ގިނަ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.