ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުން
2026-01-19 11:14:35
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ކެމްޕެއިން މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތަން، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީހަށް ބަދަލުކޮށް، ހުޅުވައިފި އެވެ. އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮން މަނިކު ސްކައިވިއު ރެސްޓޯރަންޓުގެ ތިރީގައި ހުންނަ އޮފީސް ހުޅުވައިދެއްވީ ރޭ ބޭއްވި ހަފުލާގައެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، މާލެއަށް އެމްޑީޕީގެ މޭޔަރުންތަކެއް މީގެ ކުރިން އައި ކަމަށާއި، ނަމަވެސް އެ ބޭފުޅުންގެ ފަރާތުން ލިބުނު އުންމީދީ ކުރިއެރުމެއް ނެތް ކަމަށެވެ. އެހެންވެ މާލޭ ރައްޔިތުން ބޮޑު އަޣްލަބިއްޔަތަކުން މިހާރުގެ ރައީސް ޑރ. މުއިއްޒު މޭޔަރުކަމަށް ހޮވީ ކަމަށާއި، އެ މަނިކުފާނުގެ މޭޔަރުކަމުގައި މާލެއަށް އައީ ބޮޑު ބަދަލުތަކެއް ކަމަށެވެ.