ޖެނެރޭޝަނަލް ބޭން ފާހަގަކުރުމުގެ 24 ގަޑިއިރުގެ ދުވުން
2025-11-01 06:15:30
ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފާހަގަކުރުމަށް 24 ގަޑިއިރުގެ ދުވުން ފެށީ ހުކުރު ދުވަހު އެވެ. މާލޭގެ އެކުވެނި ޓްރެކްގައި ހަވީރު 4:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 4:00 އާ ހަމައަށް މި ދުވުން ކުރިއަށް ގެންދާނެ އެވެ. ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ގޮތުން، 'ނެޝެނަލް ޓޯޗް ރަން'ގެ ނަމުގައި، މާފަންނު އެކުވެނި ޓްރެކްގައި މި ދުވުން ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މި ދުވުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހުކުރު ދުވަހު ހަވީރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. އެއާ އެކު، ކޮންމެ އުމުރެއްގެ މީހަކަށް ވިއަސް އެ ފަދަ ބާވަތެއް މިއަދުން ފެށިގެން ދެން ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ.
