ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް،
- ދައުލަތަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ވަނީ ލިބިފައި
- ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 10.7 ބިލިއަން ރުފިޔާ
- މި އަހަރު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 3.7 އިންސައްތަ އިތުރު އަދަދެއް
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. އެޕްރީލު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
- ޓީޖީއެސްޓީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައިވޭ
- ބީޕީޓީގެ ގޮތުގައި 2.6 ބިލިއަން ލިބުނު
- ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވޭ
- ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނު
- އިމްޕޯޓް ޑިއުޓީގެ ގޮތުގައި 700 މިލިއަން ރުފިޔާ ލިބިފައިވޭ
ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން ދާއިރާތަކުން އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
- އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 356 މިލިއަން ރުފިޔާ ލިބުނު
- ރިސޯޓުތަކުން ކުލީގެ ގޮތުގައި 537.4 މިލިއަން ރުފިޔާ ލިބިފައިވޭ
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް 13.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި އަހަރު ނިމޭއިރު ދައުލަތަށް 33.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 25.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.