ads
ބީސީސީން ކުރިއަށް ގެންދިޔަ ހަރަކާތެއް: ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި 6،000 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގަން އެހީވި ކަަމަށް ވަނީ ބުނެފައި - ފޮޓޯ:ބީސީސީ
6،000 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރި ހިންގަން އެހީތެރިވިން
ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ކޯޕަރޭޝަނުގެ ލަފާދާރީ ހިދުމަތްތަކުން 6،000 އަށް ވުރެ ގިނަ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަަމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފި އެވެ.
Advertisement

ބީސީސީއަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ ހާއްސަ ގަރާރެއްގެ ދަށުން 2017 ވަނަ އަހަރު އުފެއްދި އެ ކޯޕަރޭޝަނުން ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ދިވެހި ކުދި ވިޔަފާރިވެރިން ބާރުވެރިކުރުމާއި ބާޒާރުތަކަށް މަގުފަހިކުރުމުގެ އިތުރުން މުސްތަޝާރީ އަދި ލަފާދާރީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ތަސައްވުރާ އެކު އެ ކޯޕަރޭޝަނުން ވަނީ އެކި ދާއިރާތަކުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައި ކަމަށް ބީސީސީން ބުނެ އެވެ. ބީސީސީން ބުނެފައި ވަނީ އޮތެންޓިކް މޯލްޑިވްސް، އެސްއެމްއީ ހަބް، ސީޑްބައިބީސީސީ އަދި މޯލްޑިވްސް ބިޒްނަސް ނެޓްވޯކް (އެމްބީއެން) ފަދަ ބިޔަ މަޝްރޫއުތަކަކީ އީޖާދީ އަދި ފަންނުވެރި ވިސްނުންތަކުގެ ތެރެއިން އިގުތިސޯދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުވުމަށް މަގުފަހިކޮށްދޭ މަޝްރޫއުތަކެއް ކަމަށެވެ.

އޮތެންޓިކް މޯލްޑިވްސްއަކީ ދިވެހި މަސައްކަތްތެރިކަމާއި ވިޔަފާރިވެރިކަން ކުރިއެރުވުމުގެ ތެރެއިން 300 އަށް ވުރެ ގިނަ ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ވިއްކޭނެ މަގުތަނަވަސްކޮށްދީފައިވާ މަޝްރޫއެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. ބީސީސީން ބުނި ގޮތުގައި އިސްތިރާޖީ ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ އެ ކޯޕަރޭޝަނުގެ ފިހާރަތަކުގައި އުފެއްދުންތެރީންގެ 5،000 އަށް ވުރެ ގިނަ އުފެއްދުންތައް ވިއްކޭނެ މަގުފަހިކޮށްދީފައި ކަމުގަ އެވެ. އެސްއެމްއީ ހަބް އަދި ސީޑްބައިބީސީސީ ފަދަ މަޝްރޫއުތަކުގެ ތެރެއިން ކުދި ވިޔަފާރިތަކަށް އީޖާދީ ބަދަލުތައް ގެނެސްދިނުމުގެ އިތުރުން ވިޔަފާރި ފުޅާކުރެެވޭނެ ގޮތްތައް ހޯދައިދީ، އެކަންކަން ތަހުލީލު ކުރާނެ މާހައުލުތައް ވަނީ ގާއިމުކުރެވިފައި ކަމަށް ބީސީސީން ބުނެ އެވެ.

"ބީސީސީގެ ލަފާދާރީ ހިދުމަތްތަކުން 6،000 އަށް ވުރެ ގިނަ ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވިޔަފާރި ކުރިއެރުމަށްޓަކައި ބާޒާރުގައި ހުޅުވިފައި ހުންނަ ފުރުސަތުތައް ދެނެގަތުމަށް ބޭނުންވާ އިސްތިރާޖީ އުސޫލުތަކާއި ބާޒާރުގެ މައުލޫމާތުތައް ފޯރުކޮށްދެވިފައިވާނެ އެވެ،" ބީސީސީން ނެރުނު ބަޔާނުގައިވެ އެވެ.

ބީސީސީން ބުނީ އީޖާދީ އަދި ފަންނުވެރި ވިސްނުންތަކާއި ދިވެހި އިގުތިސޯދުގައި ހިމެނޭ އެންމެހާ ސިޔާސަތުތަކެއް ޝާމިލުވާ ފަދަ ގޮތަކަށް އެ ކޯޕަރޭޝަނުގެ ހިދުމަތްތައް ދަނީ ބައްޓަން ކުރެވެމުން ކަމަށެވެ. އެކަމުގެ އެންމެ މައިގަނޑު މަގުސަދަކީ ފަންނިއްޔާތުގެ ވަސީލަތްތައް ކުރިއަރާފައިވާ އަދުގެ ވިޔަފާރީގެ ދުނިޔޭގައި ވާދަވެރި ގޮތެއްގައި ދެމިހުރުމަށް ދިވެހި ކުދި ވިޔަފާރިތަކަށް ބާރުއަޅައި، އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. ބީސީސީން ބުނެފައި ވަނީ މިފަދަ ވާދަވެރި މާހައުލެއްގައި ރާއްޖޭގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އާ ފުުރުސަތުތަކާއި ފަންނިއްޔާތުގެ އެންމެ ޒަމާނީ ވަސީލަތްތަކުގެ އިތުރުން ދިމާވާ އުފެއްދުންތެރި ހައްލުތައް ހޯދައިދިނުމަކީ އެ ކޯޕަރޭޝަނުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. ދިވެހި އިގުތިސޯދުގައި ހިމެނޭ އެންމެހާ ސިނާއަތްތަކެއް ޝާމިލުވާ ފަދަ ގޮތަކަށް އެ ކޯޕަރޭޝަނުގެ ހިދުމަތްތައް ބައްޓަންވެފައި އޮތުމަކީ ރާއްޖޭގެ ވިޔަފާރީގެ މާހައުލުގައި ހުރިހާ ދާއިރާތަކަށް ހަމަހަމަ ގޮތެއްގައި ވަސީލަތްތަކާއި ފުރުސަތުތައް ލިބުމަށް ޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށް ބީސީސީން ބުނެ އެވެ.

"އަޅުގަނޑުމެން ތަސައްވުރު ކުރަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަައް ޝާމިލުވާ ހުރިހާ ސިނާއަތެއް ކުރިއަރާނެ އެކުލުންތެރި މުސްތަގުބަލެއް. ވަކިން ހާއްސަކޮށް އަދުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ތަރައްގީ ކުރަމުންދާ "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އީޖާދީ އަދި ފަންނުވެރި އިގުތިސޯދީ ހާއްސަ ސަމާލުކަމެއް ދޭ މުސްތަގުބަލެއް. ބީސީސީގެ އަމާޒަކީ އެހީތެރިކަން ފޯރުކޮށްދެވޭ ދާއިރާތަކަށް އެކަނި ހިދުމަތް ދިނުމުގެ ބަދަލުގައި އަޅާނުލެވި ހުރި ދާއިރާތަކަށް ވެސް ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދިނުން. މީގެ އިތުރުން ރާއްޖޭގެ ކުދި ވިޔަފާރިތަކާއި ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ފުރިހަމަ ކުރުމަށް ހީވާގިކަމާ އެކު ބީސީސީއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑުމެންގެ އަމާޒަކީ އީޖާދީ އަދި ފަންނުވެރި ވިސްނުންތަކެއް ކުރިއަރުވާ، އެއްވެސް ދާއިރާއެއް ބާކީ ނުކޮށް، ދިވެހި ކުދި ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން. އުޖާލާ މުސްތަގުބަލެއް ބިނާކޮށްދިނުން،" - ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދު

ބީސީސީން ބުނި ގޮތުގައި މުސްތަގުބަލުގައި އެ ކޯޕަރޭޝަނުގެ މަޝްރޫއުތައް ރޭވިގެންދާނީ ރާއްޖޭގެ އިގުތިސޯދުގައި އެހީތެރިކަން ފޯރުކޮށްނުދެވި ހުރި ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމުގަ އެވެ. ކުރިއަށް ހުރި ބައެއް މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކްރިއޭޓަ ހަބްތަކާއި ގާމެންޓް ފެކްޓްރީ، ޕެކޭޖިން ފެސިލިޓީ އަދި މި ނޫންވެސް އެހެން މަޝްރޫއުތަކަކީ ތަފާތު އާ ދާއިރާތަކަށް އެ ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވާނެ މަޝްރޫއުތަކެއްކަން ފާހަގަކޮށް ބީސީސީން ވަނީ މިކަމުގެ ސަބަބުން ދިވެހި އިގުތިސޯދު ސިންދަފާތުކޮށް، އިގުތިސޯދީ ކުރިއެރުމާއި ގައުމީ ތަނަވަސްކަމަށް އާ މަގުތައް ކޮށިގެންދާނެކަން ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް