އެޗްޑީސީން ބުނީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދޭން އެ ކޯޕަރޭޝަނުން އިސްކަން ދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނެފައި ވަނީ އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރަން އެ ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މީގެ އިތުރުން ތިލަފުށީގައި ބިން ބޭނުން ކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ ވަސީލަތްތައް ގާއިމުކޮށް ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ކަމުގަ އެވެ.