ads
ޑރ މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިދިކޮޅުގައި ޑރ. މުއިއްޒު ބަލި ކުރެވޭވަރުގެ އެކަކު ވެސް ނެތް؟
ސިޔާސީ ޕާޓީ ނިޒާމް ރާއްޖޭގައި ފެށުނީ 30 އަހަރު ހިނގަމުން އައި ވެރިކަމާ ދެކޮޅަށެވެ. މި ގައުމުގައި އޮތީ އެއް ކޮޅާ ދެކޮޅެވެ. ޑީއާރުޕީއަކާ އެމްޑީޕީއެކެވެ. މުޅިންތަފާތު ދެވިސްނުމާ ދެފިކުރާ ދެފަލްސަފާ އެވެ.
Advertisement

ވެރިކަން ހޯދޭ ވެހިކަލަކީ ސިޔާސީ ޕާޓީ ކަމަށްވާތީ ކޯލިޝަން ބޯކިބަލުން ފޮތި ހޯދުމާ، ވެރިކަމުގެ އެދުމުގައި ދިހަބާރަ ޕާޓީ ހަދާ ނަންކިޔާ ރަޖިސްޓްރީވެ އުވި ކަސްރަތު ކްލާހެއްހާ ބައިމަދު ވެގެންވެސްދާ މަންޒަރު ދަނީ ފެންނަމުންނެވެ. ޢާއިލީ ވެރިކަމުން ނެއްޓި ރައްޔިތުންގެ ވެރިކަމަށް ގެނައި ޑިމޮކްރަސީ އަށް 18 އަހަރުފުރި ތަޞައްރަފް ފުދުމުން ހީނުކުރާ އާބާވަތެއްގެ އަޖައިބެއްވެސް މިއަހަރު މިވަނީ ފެނިފައެވެ. އެއީ ފިރިމީހާގެ ނައިބު ކަމަށް އަނބިމީހާ ވުމަށް އެދި އިންތިޚާބީ އޭޖެންޓްގެ ގޮތުގައި ދޮށީ ދަރިފުޅު މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތް ނުކުތުމެވެ. 

ޕާޓީ ނިޒާމްގައި ހަގީގަތުގައި އޮންނާނީ ދެކޮޅެވެ. އެއްކޮޅާ އިދިކޮޅު ނުވަތަ ރޫލިނގ ޕާޓީ އާއި އޮޕޮޒިޝަން ޕާޓީ އެވެ. ރާއްޖޭގައި ނަމަ އެމްޑީޕީއާ މިހާރުގެ ނަމަ ޕީޕީއެމް އެވެ. މިދެޕާޓީ ދުވަހަކުވެސް ކޯލިޝަނެއް ނުހަދާ އަދި ނުވެސް ހަދާނެ އެވެ.  

މީގެ އިތުރަށް ދެންތިބީ އެއިރެއްގެ މޫސުން ދައްކާ ގޮތަކަށް އެއްވެ ވަކިވެ ރޫޅި އުޅޭ ބައެކެވެ.

ޑރ މުހަންމަދު މުއިއްޒަކީ ބަސްމަދު އަޑުމަޑު ނިޔަނެތި ގޮތްތަކެއްގައި ފެނުނަސް ހީކުރާހާ ސަމާސަ ބޭފުޅެއް ނޫނެވެ. އެހިނދަކު އެމަނިކުފާނަށް ސިޔާސީ ކުރިމަގު އޮތް ކަމަށް ފެނިވަޑައިގަތް ކޮންމެ ސިޔާސީ ޕާޓީ އަކާ މުއިއްޒު ގުޅިވަޑައިގެންނެވި އެވެ. އަދާލަތެއް ޖުމްހޫރީ އެއް އެމްޑީއޭ އެއް އަދި ޕީޕީއެމް އެއް މިއަކު ތަފާތެެއް ނެތެވެ.

ކުރަންވީ މޫވް އާ އަޅަންވީ ފިޔަވަޅާ ޖަމްޕް ޖަހަންވީ ވަގުތު ވަރަށް ދުރުން މުއިއްޒަށް ފެނިވަޑައިގަނެއެވެ. ޕީޕީއެމް އަށް ވެރިކަން ގެއްލުނު ވަގުތު އެމްޑީޕީ ވަރުގަދަ ކޮށް އޮތް މާލޭގެ މޭޔަރުކަން ހޯދޭނެ ހުސް ޖާގަ އެއްވެސް މީހަކަށް ނުފެނި ވަނިކޮށް މުއިއްޒަށް ފެނިވަޑައިގަތެވެ.

ކަން ހިނގާފައިވާ ގޮތުން ކޮންމެވެސް ބާވަތެއްގެ ގާނޫނީ ހުކުމަކުން ރައީސް ޔާމީން ތާށިވާނެކަން އެންމެ ރަނގަޅަށް ލަފާ ކުރެއްވޭނެ އެއް ބޭފުޅަކީ ޑޮކްޓާ މުއިއްޒުއެވެ. 

މޭޔަރު ކަމުން މާލޭގައި ކުލަ ބޮކި ދިއްލާ ހާމަކޮށް ލޮލަށް ފެންނަ ނަމަވެސް ހަގީގަތުގައި ކަމަކަށް ނުވާ ކަންކަމުން ކަން ދެއްކުމޭ މީހުން ބުނާ ޒާތުގެ ކަދުރުރުށް އިންދުން ފަދަ ކަންކަން މުއިއްޒު ކުރެއްވިއެވެ.

ސްކޫލް ތަކަށް ބެލެނިވެރިން ޖަމާވާ ވަގުތު ބަލައިގެން، އެތަންތަން ކުނިކަހާނެ މުވައްޒަފުން ނެރެ އެމީހުންގެ ގައިގާ ސިޓީ ކައުންސިލްގެ ޔުނިފޯމް އެޅުވީ އެމަނިކުފާނެވެ. 

މުއިއްޒުގެ ސިޔާސީ ފިޔަވަޅު ތަކަށް ހޭލާ ހުންނެވި ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން މުއިއްޒު ޕީއެންސީ އަށް ބަދަލުކުރެއްވި އެވެ. އެކުޑަ ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯދަން މުއިއްޒަށް ފުރްޞަތު ހަމަ ލިބުމާ އެކު އާދަމް ޝަރީފް ބަލި ކުރައްވާ ޓިކެޓް ނެންގެވިއެވެ. 

ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ގޮތްވެ ޕީޕީއެމުން އިންތިޚާބް ބޮއިކޮޓް ކުރަން ރައީސް ޔާމީން ބޭނުންފުޅުވި ވަގުތު ޖެހުނު އިރު އަސްތަ ކަމަކު ދާކަށްނެތެވެ. ރައީސް ޔާމީނާ ދެކޮޅަށް މުއިއްޒާ އެއްކޮޅަށް ނުކުންނާނެ ގިނަބަޔަކު ތިބީ ތައްޔާރަށެވެ.

އެންމެ ފަހުން 2 ޕާޓީގެ ސެނެޓް ބޭއްވި އިރު އަދި މާގޯހެވެ. އަޣުލަބިއްޔަތު އޮތީ މުޢިއްޒަށެވެ. މުއިއްޒުގެ ފޯމްގައި ތައްގަނޑު  ޖެހުމާ އެކު 2 ޕާޓީގެ ތައްގަނޑު ގެއްލި އިންތިޚާބީ ދޮރު އެކީ އެކަށް ޕީޕީއެމަށް ގެެއްލުނީ އެވެ.

ދެން އިވެނީ މާ އެހެން ކަހަލަ ޔޯލަ އަޑު ތަކެކެވެ. ރައީސް ޔާމީން އެހެން އަންގަވައިފި ނޫނީ މިހެން އަންގަވައިފި ކިޔައިގެން މުއިއްޒާ އެއްކޮޅަށް އެކި ބޭފުޅުން ހަދާ މީޑިއާ ހެޑްލައިން ތަކެވެ. ހީވަނީ ރައީސް ޔާމީނު ޖަލުގައި އޮންނަވަނީ މޮބައިލް ފޯނާ އިންޓަރނެޓާ ލެޕްޓޮޕާ އައިޕެޑް ހިއްޕަވައިގެން 24 ގަޑިއިރު ޕީޕީއެމް ލީޑަރޝިޕާ އެކު އޮންލައިންގައި ހެންނެވެ. ހަގީގަތުގައި އޭގެ އެއްވެސް ވަޞީލަތެއް އެއްވެސް ފަސޭހަ އެއް އޮންނަ އުޞޫލުން ބޭރުން ޖަލުގައި ހަމަޖެހިފައެއް ނޯވެ އެވެ. ކެމެރާ ނެތް ގޮޅި ތަކުން  ވަގުފޯނުން ގައިދީން ގުޅިއަސް ރައީސް ޔާމީނަކީ އެހެން ބޭފުޅެކެވެ.

މާކުރިން ސުރެ މުއިއްޒުގެ ޕްލޭން ރާވާ ހިނގަމުންގޮސް، ސިފައިންނާ ފުލުހުންގެ އިސްވެރިންގެ ގޮތުގައި ކުރިން ތިބި ބަޔަކު ވެސް ތިބީ މުއިއްޒަށް ބައިއަތު ހިފައިގެނެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރައީސް ޔާމީނަށް މަޢާފެއް ލުޔެއް ދެއްވައިގެން ރައީސް ޞޯލިޙަށް ގެއްލޭނެ އެމްޑީޕީއެއް ނޯންނާނެ އެވެ. ނަމަވެސް ރައީސް ޔާމީނަށް ކުޑަ ލުޔެއް ލިބުނަސް މުއިއްޒަށް ޕީއެންސީ އާ ޕީޕީއެމް އިދިކޮޅު ލީޑަރުކަން ވެސް ގެއްލޭނެއެވެ.

53%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް