ރަޝިއާއިން ޔޫކްރޭނަށް އަރާ ހަނގުރާމަ ފެށުމުން އަމިއްލަ ސަލާމަތަށް ފިންލެންޑާއި ސްވިޑެންއިންވަނީ ނޭޓޯގައި ބައިވެރިވުމަށް ހުށަހަޅާފައެވެ. ނަމަވެސް މި ދެގައުމަކީ ތުރުކީގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތްބާނާ ދެގައުމުކަމަށް ބުނެ ދެ ގައުމަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ތުރުކީން އަންނަނީ ޝަރުތުތައް ކުރަމުންނެވެ.
އޭގެތެރޭގައި ތްރުކީގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމާއި ކުރުދީންނަށް މަދަދުވެރި ނުވުން އަދި ތުރުކީއާއި ދެކޮޅު މީހުންނަށް ހިމާޔަތް ނުދިނުން ތުރުކީން ޝަރުތު ކުރެއެވެ. އަދި ދެ ގައުމުން ނޭޓޯގައި ބައިވެރިވުމަށް މަގުފަހި ކުރުމަށް ދިޔައީ ވާހަކަތައްވެސް ދެކެވެމުންނެވެ.
ނަމަވެސް ދާދިފަހުން ސްވިޑެންގައި ހުންނަ ތުރުކީ އެމްބަސީ ކައިރީ ކުރުދީންނާއި ސްވިޑެންގެ ހަރުކަށި ފިކުރުގެ ސިޔާސީ މީހުން ބޭއްވި އެއްވުމުގައި މުސްލިމުންގެ ކަލާމްފުޅު ކީރިތި ޤްރުއާން އެންދި މައްސަލައާއި ޤްރުއާން އެންދުމަށް ސްވިޑެން ސަރުކާރުން ހުއްދަދިން މައްސަލާގައި ތުރުކީން ބުނެފައިވަނީ ފިންލެންޑާއި ސްވިޑެންއަށް ނޭޓޯގެ މެމްބަރުކަން ދިނުމާއި ދެކޮޅުކަމަށާއި އެކަމާއިގުޅޭ ވާހަކަތައްވެސް ދެން ކުރިއަށް ނުދާނެކަމަށެވެ.
ނޭޓޯގެ ޗާޓަރު ބުނާގޮތުން އެޖަމާއަތުގައި އިތުރު ގައުމެއް ބައިވެރިކުރާނަމަ މެމްބަރު ހުރިހާ ގައުމެއްގެ ރުހުން ބޭނުންވެއެވެ. ތުރުކީއަކީ ނޭޓޯގައި އެންމެ ބަރުގަދަ އެއް ގައުމެވެ.
އުރުދުގާން ވިދާޅުވީ ސްވިޑެންއިން އެވަނީ ތުރުކީގެ ރަތްރޮނގު ހުރަސްކޮށްފައި ކަމަށާއި ފިންލެންޑުން އެފަދަ މިސްޓޭކެއް ނުހަދާހިނދަކު ފިންލެންޑާއިއެކު ވާހަކަ ދެއްކިދާނެކަމަށެވެ. އަދި ފިންލޭންޑް ނޭޓޯގައި ބައިވެރިވުމަށް ރުހުންވެސް ދެވިދާނެކަމަށް އުރުދުގާން ވިދާޅުވިއެވެ.
ނޭޓޯގައި 30 ގައުމު ހިމެނޭއިރު ސްވިޑެންއާއި ފިންލެންޑަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް މިހާތަނަށް އެއްބަސް ނުވަނީ ތުރުކިއާއި ހަންގޭރީ އެކަންޏެވެ. ނަމަވެސް މިފެށޭ ފެބްރުއަރީމަހު ހަންގޭރީން ގާނޫނުހަދާ މަޖިލީހުން މިކަމަށް ރުހުންދޭނެކަމަށް ވަނީ ބެލެވިފައެވެ.