ads
ވޯލްޑް ބޭންކް: ދުނިޔޭގެ އިގުތިސޯދީ ދުވެލި މަޑުޖެހި ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ އިންޒާރު އެ ބޭންކުން ވަނީ ދީފައި.
"ދުނިޔޭގެ އިގުތިސޯދީ ދުވެލި މަޑުޖެހި ރިސެޝަނަކަށް ހިނގައިދާނެ"
މި އަހަރު ދުނިޔޭގެ އިގުތިސޯދީ ދުވެލި މަޑުޖެހި ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފިއެވެ.
Advertisement

އިގުތިސޯދީ ހަރަކާތްތައް މަދުވާނެ ކަމަށް ލަފާކޮށް ވޯލްޑް ބޭންކުން ބުނެފައިވަނީ މިއަހަރު ދުނިޔޭގެ އިގުތިސޯދު ކުރިއަރާނީ 1.7 އިންސައްތައަށް ކަމަށެވެ. އެ ބޭންކުން މީގެކުރިން ލަފާކޮށްފައިވަނީ މިއަަހަރު އިގުތިސޯދީ ދުވެލި 3.0 އިންސައްތަ އަށް ހަލުއިވާނެ ކަމަށެވެ.

ދުނިޔޭގެ އިގުތިސޯދު ދަށަށް ދިއުމަށް މެދުވެރިވާ ސަބަބުތައް ކަމުގައި އެ ބޭންކުން ލަފާކޮށްފައިވަނީ މަރުކަޒީ ބޭންކުތަކުން އިންޓަރެސްޓް ރޭޓު މަތިކުރުމާއި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ އިތުރުން ދުނިޔޭގެ ބޮޑެތި އިގުތިސޯދުތައް ހީނަރުވަމުން ދިއުމެވެ.

ވޯލްޑް ބޭންކުން ލަފާކުރާގޮތުގައި މި އަހަރު އިގުތިސޯދީ ދުވެލި މަޑުޖެހުނު ނަމަވެސް އަންނަ އަހަރު ދުނިޔޭގެ އިގުތިސޯދީ ދުވެލި 2.7 އިންސައްތަ އަށް ހަލުއިވާނެއެވެ. އެހެން ނަމަވެސް، މިއީ ނިމިދިޔަ އަހަރު އެ ބޭންކުން ލަފާކޮށްފައިވާ ވަރަށް ވުރެ 0.9 އިންސައްތައިގެ ދަށްވުމެކެވެ. އެ ބޭންކުން ލަފާކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު ދުނިޔޭގެ އިގުތިސޯދީ ދުވެލި އެވްރެޖް ގޮތެއްގައި ހަލުއިވާނީ 2.0 އިންސައްތައަށް ކަމުގައެވެ.

އެމެރިކާގެ އިތުރުން ޔޫރަޕް ސަރަހައްދުގެ އިގުތިސޯދީ ދުވެލި 0.5 އިންސައްތަ އަށް މި އަހަރުގެ ތެރޭގައި މަޑުޖެހޭނެކަމަށް ލަފާކޮށް އެ ބޭންކުން ބުނެފައިވަނީ އެ ދެ ސަރަހައްްދާ އެކު، ދުނިޔޭގެ ބޮޑެތި އިގުތިސޯދުތައް ހީނަރުވަމުންދާތީ ރިސެޝަނަކަށް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ވޯލްޑް ބޭންކުގެ މި ލަފާކުރުން ވެގެންދާނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމަކަށެވެ. އެ ގައުމުތަކަށް މިހާރުވެސް ވަނީ ދަރަނި ބޮޑުވުމާއި ފައިސާގެ އަގު ވެއްޓުމުގެ އިތުރުން އާމްދަނީ ހޯދުމަށް ދަތިވުމާއި އިންވެސްޓްމަންޓްތައް މަދުވުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިކަމަށް އެ ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ވިޔަފާރި އިންވެސްޓްމަންޓުތައް ދަށްވުމަކީ މިހާރުވެސް ހީނަރުވެފައިވާ ތައުލީމާއި ސިއްހަތާއި ފަގީރުކަމާއި އުމްރާނީ ތަރައްގީގެ ދާއިރާވެސް އިތުރަށް ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އިގުތިސާދު ދަށްވާނީ ވަރަށް ފުޅާކޮށް ކަމަށާއި ކޮވިޑުގެ ކުރިން ފާއިތުވި 10 އަހަރުގެ ތެރޭގައި މީހުންނަށް ލިބުނު އާމްދަނީ ކުރިއަށް އޮތް ތަނުގައި މައްޗަށް ދާނީ ވަރަށް ދަށް ދުވެއްޔެއްގައި ކަމަށެވެ.

ނިމިދިޔަ އަހަރު ޗައިނާގެ އިގުތިސޯދީ ދުވެލި 2.7 އިންސައްތަ އަށް ދަށްވެފައިވާކަން ހާމަކޮށް އެ ބޭންކުގެ ރިޕޯޓުަގައި ބުނެފައިވަނީ މިއީ 1970 ގެ އަހަރުތަކުގެ މެދުތެރެއަށް ފަހު ދެވަނައަށް އެ ގައުމުގެ އެންމެ މަޑު ދުވެލި ކަމަށެވެ. ކޮވިޑުގެ ބަލިމަޑުކަމާއި ބޭރުގެ ޑިމާންޑް ދަށްވުމުގެ ސަބަބުން މިދިޔަ ޖޫން މަހު އެ ބޭންކުން ލަފާ ކުރިވަރަށް ވުރެ އެ ގައުމުގެ އިގުތިސޯދީ ދުވެލި 0.9 އިންސައްތަ ދަށް ވާނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެ ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރު ޗައިނާގެ އިގުތިސޯދީ ދުވެލި ހަލުއިވާނީ 4.3 އިންސައްތައަށެވެ.

ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ހަކަތަ އާއި މުދަލުގެ އަގު ދަށްވެ އިންފްލޭޝަންގެ ބައެއް ޕްރެޝަރުތައް ވަނީ ކުޑަވާން ފަށާފައެވެ. އެހެންނަމަވެސް، ސަޕްލައި އަށް ބުރޫއެރުމުގެ ސަބަބުން ކޯ އިންފްލޭޝަން މަތިވެދާނެކަމުގެ އިންޒާރު އެ ބޭންކުން ދެއެވެ. އެ އާއެކު، މަރުކަޒީ ބޭންކުތަކުން މިހާރަށް ލަފާކޮށްފައިވާ އިންޓަރެސްޓު ރޭޓުތައް އިތުރަށް މަތިކުރުމުން އިގުތިސޯދީ ހީނަރުކަން އިތުރަށް ގޯސްވެދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ވަނީ ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށާއި ދަރަނީގެ ދަތިކަމުގެ ނުރައްކާ ބޮޑުވުމާ ކުރިމަތިލުމަށް މަދުން އާމްދަނީ ލިބޭ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން މިހާރަށް ވުރެ އިތުރުކުރުމަށް ގޮވާލާފައެވެ.

ދުނިޔޭގެ އިގުތިސޯދު ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން މި އަހަރަށް ލަފާކުރާ 1.7 އިންސައްތަ އަކީ 2009 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ 'ރިސެޝަން' ނުހިމަނައި، 1991 ވަނަ އަހަރަށް ފަހު ލަފާކުރެވޭ އެންމެ ދަށް ނިސްބަތަށް ވާއިރު، ފާއިތުވި 20 އަހަރަށް ބަލާއިރު އިގުތިސޯދު މިގޮތަަށް މަޑުޖެހެމުންދާ ނަމަ، އެއީ ރިސެޝަނެއް ކުރިމަތިވާން އުޅޭކަމުގެ ނިޝާނެއް ކަމަށް އެ ބޭންކުން ލަފާކުރެއެވެ.

ދުނިޔެ ރިސެޝަނަކަށް ހިނގައްޖެ ނަމަ، އެކަން ވެގެންދާނީ 1930 ގެ އަހަރުތަކަށްފަހު، 10 އަހަރުގެ ތެރޭގައި ދެ ފަހަރަށް ރިސެޝަނާ ކުރިމަތިލާން ޖެހޭ ފުރަތަމަ ފަހަރު ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް