ލަންކާގެ ސައިފަތާ ބެހޭ ބޯޑު، އިންޑަސްޓްރީ ރެގިއުލޭޓަ އަދި ޕްރޮމޯޝަން ބޮޑީގެ ޗެއަރމަން، ނިރާޖް ޑެ މެލް ވިދާޅުވީ ލަންކާގެ ސައިފަތާ ބެހޭ ބޯޑުން ލަފާކުރާގޮތުގައި މި ފެށޭ އަހަރު ޖުމްލަ 290 މިލިއަން ކިލޯގެ ސައިފަތް އުފައްދައި 275 މިލިއަން ކިލޯގެ ސައިފަތް ގައުމުން ބޭރުކުރެވިދާނެ ކަމަށެވެ.
އެ ގައުމުން ވަނީ މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި 211 މިލިއަން ކިލޯގެ ސައިފަތް ބޭރުކޮށް އެކްސްޕޯޓު އާމްދަނީގެ ގޮތުގައި 1.05 ބިލިއަން އެމެރިކާ ޑޮލަރު ހޯދާފައެވެ. މި އަހަރު ނިމޭއިރު 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ އެއް ސައިފަތް ބޭރުކޮށްގެން ލިބޭނެކަމަށް ޕްރޮމޯޝަން ބޮޑީގެ ޗެއަރމަން، ނިރާޖް ޑެ މެލް އުންމީދުކުރައްވާކަމަށް ލަންކާގެ ނޫސްތަކުން ބުނެ އެވެ.
"އުފެއްދުންތެރިކަމުގެ ވާހަކަ ދައްކާއިރު، މީގެ އަހަރެއްހާ ދުވަހުގެ ކުރި އާ އަޅާބަލާއިރު ފުރަތަމަ 10 މަސްދުވަހު ގާތްގަނޑަކަށް 18.3 އިންސައްތަ ނުވަތަ 40 މިލިއަން ކިލޯ ދަށްވެފައިވޭ،" ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑެ މެލް ވިދާޅުވިއެވެ.
އެކްސްޕޯޓު ކުރެވުނު މިންވަރަށް ބަލާނަމަ 9.5 އިންސައްތައިގެ ދަށްވުމެއް އެބަވެއެވެ. ނިމިދިޔަ އަހަރު ސައިފަތް އެކްސްޕޯޓް ކުރެވޭ މިންވަރު އިތުރުވެ، މިއަހަރަށް ކެރީ އޯވަ ބޮޑުވެގެން ދިޔައީ ކަމަށާއި މިއަހަރު މިހާތަނަށް 211 މިލިއަން ކިލޯގެ ސައިފަތް ބޭރުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރު 250 މިލިއަން ކިލޯގެ ސައިފަތް ބޭރުކޮށްގެން 1.03 ބިލިއަނުގެ އާމްދަނީ އެއް ލިބުނު ކަމަށާއި މިދިޔަ 2021 ވަނަ އަހަރު 236 މިލިއަން ކިލޯ ބޭރުކޮށްފައިވާ ކަމަށާއި ޖުމްލަ ފޮރެކްސް އާމްދަނީ 1.1 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުފެއްދުންތެރިކަން ދަށްވި ނަމަވެސް ރުޕީސްގެ އަގު ދަށްވާން މެދުވެރިވުމުން ނީލަންތަކުގައި ސައިފަތަށް އެދޭ މިންވަރު އިތުރުވެ ސައިފަތުގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. އުފެއްދުންތެރިކަން ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ވެރިކަމުން ދުރުކޮށްފައިވާ ރައީސް ގޮތަބަޔަ ރާޖަޕަކްސާގެ ވެރިކަމުގައި މުޑުވަށް ކުރުމަށް ކެމިކަލް ބޭނުން ކުރުން މަނާކުރުން ކަމަށާއި އެކަމުގެ ސަބަބުން ނީލަމުގައި ހަފްތާއަކު އެވްރެޖްކޮށް ސައިފަތް ވިއްކާ އަދަދުން ވެސް ގާތްގަނޑަކަށް 1-1.5 މިލިއަން ކިލޯ ދަށްވެފައިވާ ކަމަށް ޑެ މެލް ވިދާޅުވިއެވެ.
"އެކަމަކު އުފެއްދޭ މިންވަރު ދަށްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިތަކަށް ސައިފަތް ގަންނަން ލިބޭ މިންވަރު މަދުވިއެއް ކަމަކު އެމީހުންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަނީ ލިބެން ހުރި ކޮންމެ އެއްޗެއް ގަންނަން. ސަބަބަކީ ސިލޯނުގެ ސައިފަތަކީ އެމީހުންގެ އަމިއްލަ ބްރޭންޑްތަކުގެ ސެލިންގ ޕޮއިންޓަށް ވާތީ. އެހެންވެ އަޅުގަނޑުމެންގެ އުފެއްދުމުގެ އަގުތައް މައްޗަށް ގޮސްފައިވަނީ. އެއްކަމަކީ އަޅުގަނޑުމެންނަށް ލިބިފައި މިވާ ނަން. ދެން އޮތް ކަމަކީ އެދޭ މިންވަރު އިތުރުވުން،" ޑެ މެލް ވިދާޅުވިއެވެ.
ޑެ މެލް ވިދާޅުވިގޮތުގައި މާޗް މަހުގެ މެދުތެރެއިން ފެށިގެން ރުޕީސްގެ އަގު ދަށްވުމާ އެކު ސައިފަތުގެ އަގުތައް ވަރަށް ހަލުވިކޮށް މައްޗަށް ގޮސްފައިވާކަމަށާއި އޮކްޓޯބަރު މަހު ފުރަތަމަ ފަހަަރަށް ލިބުނީ 5.72 އެމެރިކާ ޑޮލަރު ކަމަށާއި ރުޕީސް އިން ބަލާނަމަ އެއީ 2،000 އަށް ވުރެ ބޮޑު އަދަދެކެވެ.
"މިއީ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ވީކަމެއް. މިކަަމުން ފައިދާ ވާ އެއް ބަޔަކީ ވެލިއު ޗޭން ގައި ތިބޭ މީހުން. އަގުތައް އުފުލުމަކީ ބައިނަލްއަގަވާމީ ބާޒާރުގައި މާކެޓްކުރާ ފަރާތްތަކަށް ގެއްލުންވާ ނުކުތާއެއްގެ ގޮތުގައި ބަހުސްކުރެވިދާނެ. ނަމަވެސް އެކަމަކީ އެދޭ މިންވަރު އިތުރުވުމުގެ ސަބަބުން ހަމަޔަކަށް އެޅުވިދާނެކަމެއް،" ޑެ މެލް ވިދާޅުވިއެވެ.
ރުޕީސްގެ އަގު ވަނީ ގާތްގަނޑަކަށް 70-76 ޕަސެންޓް ދަަށަށް ގޮސްފައި ކަމަށާއި ނަމަވެސް ސައިފަތުގެ އަގު ވަނީ ގާތްގަނޑަކަށް 140 ޕަސެންޓް މައްޗަށް ގޮސްފައި ކަމަށާއި ކުދި ހޯލްޑަރުންނަށް ކިލޯއަކުން 290-300 ރުޕީސް އިތުރަށް ލިބެނީ އެހެންވެ. އަދި ހަމަ އެހެން ބައެއް ފަރާތްތަކުން އެބަ ބުނޭ އަޅުގަނޑުމެންނަށް ބައިނަލް އަގަވާމީ ބާޒާރުގައި ވާދަކުރަން އުދަނގޫވާނެ ކަމަށް. އެއީ ތެދެއް."ޑެ މެލް ވިދާޅުވި އެވެ.
މި އަހަރު ގިނަ ކާބޯތަކެތީގެ އަގުތައް އުފުލިގެން ދިއުމަށް މެދުވެރިވީ އެމެރިކާގެ ފެޑް އިން ފައިސާ ޗާޕްކުރުމުންނެވެ. ފެޑްގެ ހަރުކަށި ސިޔާސަތާ އެކު ޑޮލަރުގެ އަގު ހިފެހެއްޓެން ފެށުމާއެކު ހަކަތަ އާއި ދަގަނޑު އަދި ކާބޯތަކެތީގެ އަގުތައް ދަށްވަމުން ގޮސްފައިވެއެވެ.