ads
ދައުލަތުގެ 3 ބާރުގެ ވެރިން
ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ފަނޑިޔާރުންގެ ބިލް މަޖިލީހަށް
ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ އިސްލާހުތައް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތާވަލުކޮށްފިއެވެ. މި ބިލް މަޖިލީހަށް ހުށަހަޅުއްވާނީ ސަރުކާރުގެ ފަރާތުން، ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމްއެވެ.
Advertisement

އެޓަރނީ ޖެނެރަލްގެ އޮފީހުން ފަރުމާކޮށް ހުށަހަޅާފައިވާ މި ބިލާ ގުޅޭ ގޮތުން އެ އިދާރާއިން ބުނެފައިވަނީ މިއީ ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާހުކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިސްލާހުތައް ގެނައުމަށްޓަކައި، އެކުލަވާލި ބިލެއް ކަމަށެވެ. އެހެންނަމަވެސް މި ބިލާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ބިލް ހުށަހެޅުނީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފާނެ ކަމުގެ ނުސީދާ އިޝާރާތެއް އުއްތަމަ ފަނޑިޔާރު ދެއްވާފައިވަނިކޮށެވެ.

މި ބިލުގައި ހިމަނާފައިވާ ކަންކަމުގެ ޚުލާސާ

  • ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަންވާނެ ކަމުގައި ޤާނޫނުގައި ކަނޑައެޅުމާއި؛
  • ފަނޑިޔާރުންނަށް ލިބިދެވޭ ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާހުކޮށް އެ ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %35 އަށްވުރެ މަދުނުވާނެ ޢަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމާއި؛
  • ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުމާއި؛
  • ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި ޢަމަލުކުރާ އުސޫލު އިސްލާހުކޮށް މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަޤާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަޤާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމާއި؛
  • ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުން

މި ބިލުގައި ހުރި އިސްލާހުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ކަމަށް އޮތް ނަމަވެސް ފްލެޓަށް ނުވަތަ ގޯއްޗަށް ކުރިމަތިލާން ޝަރުތު ހަމަވާނީ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ކަމަށް ބުނެފައި ދެން ބުނަނީ އޭގެ މާނައަކީ "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ފަނޑިޔާރުގެ ނަމުގައި ނުވަތަ ފަނޑިޔާރު ސީދާ ބަހަލައްޓަންޖެހޭ ވާރިސުންގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނެތުން" ކަމަށެވެ. ފަނޑިޔާރު ސީދާ ބަލަހައްޓަންޖެހޭ ވާރިސުން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުގެ އުފަން ދަރިންނާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި އޭނާގެ މައިންބަފައިންނެވެ. އެހެންކަމުން މިއީ ފަނޑިޔާރުންގެ ކަން ބޮޑުވުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ލިވިންގެ އެލަވަންސްއާ ގުޅޭ ކަންބޮޑުވުންތައް

ފަނޑިޔާރުންގެ ލިވިންގ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތައަށްވުރެ މަދު ނުވާނެ އެލަވަންސެއް ހަމަ ޖައްސާނެ ކަމަށް އިސްލާހުގައި ބުނެފައިވައިރު، އަސާސީ މުސާރައިގެ 35 އިންސައްތައިގެ ލިވިންގ އެލަވަންސެއް ހަމަ ޖެއްސުމަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުން އަންނަ ލިވިންގ އެލަވަންސްއަށްވުރެ، މި އިސްލާހުގައި ބަޔާންކޮށްފައިވާ އެލަވަންސް ކުޑަވުމެވެ. އަދި ލިވިން އެލަވަންސް ވެސް ލިބޭނީ ފަނޑިޔާރުގެ ނަމުގައި ނުވަތަ ފަނޑިޔާރު ސީދާ ބަހަލައްޓަންޖެހޭ ވާރިސުންގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނެތްކަމުގައިވާ ނަމަ ނުވަތަ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓެއް ނުވަތަ ބިމެއް ލިބިފައިނުވާ ނަމަ ނުވަތަ ފަނޑިޔާރުކަމުގެ މުއްދަތުގައި ފަނޑިޔާރު ދިރިއުޅުމަށް ދައުލަތުން ރަސްމީ ތަނެއް ހަމަޖައްސައިދީފައި ނުވާނަމަ ކަމަށް ބުނެފައިވުމުން އެ އެލަވަންސް ލިބޭނީ ކިތައް ފަނޑިޔާރުންނަށްތޯވެސް އެއީ އުފެދޭނެ ސުވާލެކެވެ.

އާލީ ރިޓަޔަމަންޓަށް ހުރި ހުރަސްތައް

ފަނޑިޔާރުންގެ ގާނޫނުގައި މިހާރު އޮންނަނީ އުމުރުން 55 އަހަރު ވުމުން ފަނޑިޔާރުން އަމިއްލައަށް އެދިގެން ރިޓަޔާ ވެވޭ ގޮތަށެވެ. އެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހާއެކު، އުމުރުން  65 އަހަރު ވުމުން ނޫނީ އަމިއްލައަށް އެދިގެން ރިޓަޔާ ނުވެވޭނެއެވެ.

65 އަހަރުވެގެން އަމިއްލައަށް ރިޓަޔާކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމަކީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަންގެ އިހްތިޔާރުގައި އޮތް ކަމެކެވެ. އެ މާއްދާގައި އޮންނަނީ؛ "ފަނޑިޔާރެއްގެ ޢުމުރުން 65 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެ ނަމަ، ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ވަކި އަދަދަކަށް ފައިސާ ލިބިދޭގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ." މިއީ ފަނޑިޔާރުންގެ ސީރިއަސް ކަންބޮޑުވުމެކެވެ.

އޭޖީ ރިފްއަތުގެ ޓްވީޓުތައް

ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކާއެކު ފަނޑިޔާރުންގެ ކަންބޮޑުވުންތައް ޖޭއެސްސީއާ އެޓާނީ ޖެނެރަލާ ހިސާބަށްވެސް ފޯރާފައިވާކަން ދޭހަވީ، މަޖިލީހުގެ ޖަލްސާއަށް އިސްލާހުތައް ޓޭބަލް ކުރުމުގެ ކުރިން އެ ބިލަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވުމުންނެވެ. މިދިޔަ ހަފްތާގައި ފުލުފުލުގައި ބަންޑާރަ ނާއިބު ކުރެއްވި ޓްވީޓްތަކެއްގައި ފަނޑިޔާރުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރައްވާފައިވެއެވެ. ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގައިވާ ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިވިންގ އެލަވަންސަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުވާނެ ގޮތަށް ލިބޭ އެއްޗެއްގެ ގޮތުގައި ހުށަހަޅާފައިވާ އެލަވަންސެއް ކަމަށް ބަންޑާރަ ނާއިބުގެ ފުރަތަމަ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަދި ފަނޑިޔާރުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި އެ ސްކީމެއް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ނެތްނަމަ ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެންނަން ހުށަހަޅާނަނެ ކަމަށާއި، އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔަރކުރަން ބޭނުންވާ 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށްވުރެ މަތީ އުމުރުގެ ފަނޑިޔާރުންނަށް އެ ފުރުސަތު ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާނެ ކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް