ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖަންސީ ޕްރޮގްރާމުގެ ހެޑް، ޑރ. މައިކް ރަޔާން ހުކުރު ދުވަހު ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް ހޯދި، ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކު އެ ބޭނުންކުރަން ފެށުމުގެ ކުރިން އެބަލީގައި ދެ މިލިއަން މީހުން މަރުވުމަކީ ވެދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
ކޮވިޑް-19 ޗައިނާ އިން ފެނުނުތާ މިހާރު ނުވަ މަސް ފާއިތުވެފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި ފެތުރި އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 988,965 އަށް އަރާފަ އެވެ. މިހާރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 32.5 މިލިއަނަށް އަރާފައިވާއިރު ބަލިން 22.5 މިލިއަން މީހުން ވަނީ ރަނގަޅުވެފަ އެވެ.
މިހާރު ކޮވިޑުގައި މަރުވި މީހުންގެ އަދަދު މިލިއަނަކާއި ގާތްކުރާއިރު އެ އަދަދު ދެގުނަވެދާނެތީ އެކަމަށް ސަމާލުވުމަށް ޑރ. ރަޔާން ވަނީ ގައުމުތަކަށް ގޮވާލާފަ އެވެ. އެގޮތުން ބައްޔާއި ދެކޮޅަށް ފިޔަވަޅުތައް ނާޅާއިނަމަ ނަމްބަރުތައް އިތުރުވެގެންދާނެކަން ވެސް ފާހަގަކުރައްވަ އެވެ.
ލޮކްޑައުންގެ އިތުރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ފަހު ކޭސްތައް އިތުރުވުމުން އެކަން އެގޮތަށް ދިމާވަނީ ޒުވާނުންގެ ސަބަބުން ކަމަށް ނުބުނެވޭނެ ކަމަށާއި ކޭސްތައް އިތުރުވަނީ ހުރިހާ އުމުރުފުރާއެއްގެ މީހުން ވެސް އެއްވާތީ ކަމަށް ޑރ. ރަޔާން ވިދާޅުވި އެވެ.
ކޮވިޑާއި ދެކޮޅަށް ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ ކުރިއަށެވެ. އެގޮތުން ބައެއް ވެކްސިންތައް އަންނަ އަހަރުގެ ތެރޭގައި ބޭނުންކުރެވޭވަރުވާނެ ކަމަށް އެ އުފައްދާ ގައުމުތަކުން ލަފާކުރެ އެވެ.