ads
ޑރ. އެންތޮނީ ފައުސީ
ރަޝިޔާގެ ވެކްސިންގެ ރައްކާތެރިކަމާއި މެދު ޝައްކުކުރެވޭ: ޑރ. ފައުސީ
ކޮވިޑާއި ދެކޮޅަށް ތައާރަފްކުރެވުނު ވެކްސިންގެ ރައްކާތެރިކަމާއި މެދު ޝައްކު އުފެދޭ ކަމަށް އެމެރިކާގެ ޓޮޕް އިންފެކްޝަސް ޑިސީސް އެކްސްޕާޓް ޑރ. އެންތޮނީ ފައުސީ ވިދާޅުވެއްޖެ އެވެ.
Advertisement

މި ހަފްތާގެ ކުރީކޮޅު ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިން ވިދާޅުވީ ދުނިޔޭގެ ފުރަތަމަ ކޮވިޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައިވާ ކަމަށެވެ. ރަޝިޔާގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ އެ ބައްޔަށް ވެކްސިނެއް ތައްޔާރުކުރުމަށް ނަގާނެ ކަމަށް ބެލެވުނު މުއްދަތަށް ވުރެ ކުރިންނެވެ. އެގޮތުން ރަޝިޔާގެ ހެލްތް މިނިސްޓްރީން އެ ވެކްސިން ގިނަ އަދަދަކަށް އުފެއްދުމަށް ވަނީ ނިންމާފައެވެ.

އޭބީސީ ނިއުސްއަށް ޑރ. އެންތޮނީ ފައުސީ ވިދާޅުވީ ރަޝިޔާގެ ވެކްސިނަކީ ރައްކާތެރި އަދި ރަނގަޅު ނަތީޖާ ލިބޭނެ އެއްޗެއް ކަމަށް އުއްމީދުކުރިނަމަވެސް އެކަމާއި މެދު ޝައްކުކުރެވޭ ކަމަށެވެ. އަދި ވެކްސިނެއް ހެދުމާއި ވެކްސިނަކީ ރައްކާތެރި އަދި ރަނގަޅު ނަތީޖާ ލިބޭނެ އެއްޗަކަށް ވުމަކީ ތަފާތު ދެކަމެއް ކަމަށެވެ. ޑރ. ފައުސީ އިތުރަށް ވިދާޅުވީ އެމެރިކާގައި އެތައް ވެކްސިނެއް ތައްޔާރުކުރަމުންދާއިރު ގިނަ އަދަދެއްގެ މީހުންނަށް ގެއްލުން ކުރާނެކަމުގެ ފުރުސަތު އޮތް ނުވަތަ ކޮވިޑާއި ދެކޮޅަށް މަސައްކަތް ނުކުރާނެ ވެކްސިނެއް ދޭން ބޭނުން ނަމަ ކުރިއަށް އޮތް ހަފްތާގައިވެސް އެ ގައުމުން ވެކްސިން ދެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ކަންތައް ހިނގަންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.

އެމެރިކާގައި އެންމެ ބޮޑަށް ބެލޭނީ ރައްކާތެރިކަމަށް ކަމަށް ޑރ. ފައުސީ ވިދާޅުވެއެވެ. ފައުސީގެ އިތުރުން ބައެއް މެޑިކަލް އެކްސްޕާޓުން ވަނީ ރަޝިޔާގެ ވެކްސިނާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ ރަޝިޔާގެ މަގްބޫލު ފާމަސިއުޓިކަލް ކުންފުންޏަކުންވެސް ކަންބޮޑުވުން ފާޅުކޮށް، އެކަމާއި ގުޅިގެން ރަޝިޔާގެ ހެލްތް މިނިސްޓްރީއަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.

ރަޝިޔާއިން ތައާރަފްކުރެވުނު ވެކްސިނަކީ މުޅިން އާ ވެކްސިނެއް ކަމަށާއި އެތައް ސަތޭކަ މީހުންނަށް ވެކްސިން ޓެސްޓުކުރުން ނިންމާފައި ނުވާ ކަމަށާއި އަދި ފޭސް ތިނެއްގެ އެތައް ހާސް މީހުންވެސް ހިމަނާފައިވާކަމަށް އެ ސިޓީގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.   

އަންގާރަ ދުވަހު ޑަބްލިއުއެޗްއޯއިން ބުނީ ރަޝިޔާގެ ސައިންޓިސްޓުންނާއި އޮތޯރިޓީތަކާއި ވާހަކަދައްކާފައިވާ ކަމަށާއި ޓްރައިލްތަކުގެ އިތުރު ޑީޓެއިލްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުއްމީދުކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް