މަޖިލީހުގެ މެންބަރަކު ތަޅުމުގައި އެ ވަރަށް ކީރިތި ކުރައްވާނީ ގައިމު ހިތަށް އަސަރެއް ކޮށްގެންތާއެވެ. ހިތަކީ ނާޒުކު ގުނަވަނަކެވެ. ހުރިހާ އިހްސާސްތަކާއި ގުޅިފައިވާ ގުނަވަނެވެ. އެކަމަކު ހިތް އޮންނަނީ ހަމަ އެކަނި ސިޔާސީ ބޭފުޅުންގެ އެކަންޏެއް ނޫނެވެ. ކޮންމެ އިންސާނެއްގެވެސް ހިތެއް އޮންނާނެއެވެ. ދެރަވާ ކަންކަން ވީމާ އަސަރުވެސް ކުރާނެއެވެ. ރޯންވެސް ރޯނެއެވެ.
ކުރިން މި ދެންނެވި އިއްޒަތްތެރި މެންބަރަށް ކީރިތި ކުރެވުނީ، ރައީސް ޔާމީންގެ ވެރިކަމުގައި މޭޑޭގެ މުޒާހަރާ އާގުޅިގެން ހައްޔަރުކޮށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގ. ކީމާ ޢަބްދުﷲ ރަޝީދުގެ މަރުގެ ވާހަކަ ދައްކަމުންނެވެ.
މި ދެންނެވި މެންބަރަކީ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ފުންނާބު އުސް ގާނޫނީ ވަކީލެކެވެ. ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރުގެ ޖުލައި މަޖުގެ 25 ވަނަ ދުވަހު ޢަބްދުﷲ ރަޝީދުގެ މައްޗަށް ކުރި ހުކުމްގައިވާ ގޮތުން، އެ މައްސަލައިގާ ވަކާލާތު ކުރެއްވި ޤާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވައެވެ. އިދިކޮޅު ބޮޑު ޕާޓީއެއްގެ ލީޑަރު އަދި، މަޖިލީހުގައި ދެ ދައުރު އިންނެވި ވަރުގަދަ ބޭފުޅަކު ބަލިކުރައްވައި މަޖިލީހަށް އިންތިޚާބުވީމާ އަޅުގަނޑު ހީކުރީ ގައިމުވެސް ވަރަށް ހިތްވަރު ގަދަވާނެ ކަމަށެވެ.
މޭ ޑޭގެ ކަންތަކާއި ގުޅިގެން ހުކުމް ކުރެވުނު ސިޔާސީ ބޮޑެތި ބޭފުޅުން މިނިވަންވެ ނުކުންނެވީއެވެ. ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަކީ މޭޑޭއާ ގުޅިގެން ޖަލުގެ ތޭރިތަކުގެ ފަހަތްވެސް ތަޖުރިބާ ކުރެއްވި ބޭފުޅުންނެވެ. މިހާރު ފަހަރުގައި ހަނދުމަނެތިދާނެއެވެ. އެއީ އިންސާނީ ތަބީޢަތެވެ. ނިކަމެތިން ތިބީ ކުޑަ ގޮޅީގައެވެ. ފަރުވާ ނުލިބި މަރުވެ ދިޔައީ ގައިމުވެސް ސިޔާސީ މީހެއް ނޫނެވެ. އާރެއް ބާރެއް ނެތް ނިކަމެއްޗެކެވެ. ފަހަރުގައި އެހެންވީމާ ގެއްލިގެން ދިޔަ ފުރާނައިގެ މާ ބޮޑު އަގެއް ސިޔާސީ ބޭފުޅުންގެ ކުރިމަތީގައި ނެތީވެސް ކަން ނޭނގެއެވެ.
މަޖިލީހުގެ ތަޅުމުގައި ކީރިތި ކުރައްވާ، އިންސާފު ހޯއްދަވައިދެއްވާނެ ވާހަކަ ވިދާޅުވާތީ ހަގީގަތުގައި އަޅުގަނޑު ގާތަށް މިހާރު އަންނަނީ ހިންޏެވެ. ކޮން އިރަކުން ކާކަށް އިންސާފު ހޯދައިދޭ ވާހަކަތޯ އަހާލާ ހިތްވެއެވެ.
ޢަބްދުﷲ ރަޝީދުގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރު މަނިކުފާނު އަދިވެސް އެހުންނެވީ މަގާމުގައެވެ. ޖޭއެސްސީން އާއްމު ކުރި ރިޕޯޓެއްގައިވާ ގޮތުން މި ދެންނެވި ފަނޑިޔާރު މަނިކުފާނުގެ އަތްޕުޅުގައި ތިން ސަތޭކައަށްވުރެ ގިނަ މައްސަލަ އޮތް ވާހަކައާއި މައްސަލަތައް އަވަސް ކުރަން ފިޔަވަޅުތަކެއް އަޅާ ވާހަކަ ނޫސްތަކުން ކީމެވެ. މިއަދާއި ހަމައަށްވެސް ވީ ކަމެއް ހަރާމެވެ. އެކަމަކު ސިޔާސީ ބޭފުޅެއްގެ ޝަރީޢަތް ކުރައްވާ ފަނޑިޔާރު މަނިކުފާނަކު ނަގާ ހޫރާލާކަށް ގިނައިރެއްވެސް ނުނެގިއެވެ.
މި ހުރިހާ މައްސަލައެއްވެސް ޖޭއެސްސީން ބަލަނީ އެވެ. އެކަމަކު މިއިން އެއްވެސް މައްސަލައަކީ ދުވަހަކުވެސް ނިމޭ މައްސަލައެއް ކަމަކަށް ނުވެއެވެ. އަބަދުވެސް ބަލަނީ އެވެ. ސުވާލު ކުރަނީ އެވެ. ތަހުގީގު ކުރަނީ އެވެ. ތަހުގީގެއް ނުއެއް ނިމެ އެވެ. ހިނި އަންނަނީ ކޯޓުތަކުން މައްސަލަ ސާބިތު ނުވާ ވާހަކަ ނިކަން ބާރަށް ދައްކާތީއެވެ.
އިއްޒަތްތެރި މެންބަރަށް ވަރަށް އިހުތިރާމާއި އެކު ދަންނަވަމެވެ. ކީރިތި ކުރައްވާނެ ކަމެއް ނެތެވެ. ރައްޔިތުން ބޭނުންވަނީ އިންސާފެވެ. އިންސާފު ގާއިމުކޮށްދިނުމުގެ ނަމުގައި ހަޑިތަކެއް ހާވާނެ ކަމެއް ނެތެވެ. އިންސާފު ހޯދައިދޭނެކަމުގެ ނަމުގައި ތިޔަ ސަކަރާތެއް ޖަހާތާ ލައްކަ ދުވަސް ވެއްޖެއެވެ. ފަސް ދޮޅަސް ފަސް ގޮނޑިއާއި ވެރިކަން ދިނީމާވެސް ހަމަ ހުސް ޑުރާމާއެވެ.
ޖޭއެސްސީގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަހަލަ އެވެ. އަދި ޖޭއެސްސީގެ ކަންތައް ބެލުމަށް މަޖިލީހުން މަތިކޮށްފައިވާ ޖުޑިޝަރީ ކޮމިޓީގައި އަދި އަމުދުން އިޚްލާސްތެރިކަމުގެ ކަންފުޅެއް ވެސް ހުރިހެނެއް ހިއެއްނުވެވެ. އެމްޑީޕީއަށް ކުރި އިތުބާރު ގެއްލިއްޖެއެވެ. އިންސާފު ހޯދައި ނުދެވުނީތީ މިއަދު ކަރުނަ އަޅައި ރޮނީ ރައްޔިތުންނެވެ. މަރްހޫމް ޢަބްދުﷲ ރަޝީދުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި، އާޢިލާއަށް ކެތްތެރިކަން ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާކުރަމެވެ.